އޭޑީކޭ ހޮސްޕިޓަލުން ރާއްޖޭގައި މުޅިން އާ ދެ ސާޖަރީއެއް ކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ކޮށްފައިވަނީ ބުރަކަށްޓަށް ލިބޭ އަނިޔާތަކަށް ފަރުވާދޭ ކަށީގެ ސާޖަރީ "މިނިމަލީ އިންވެސިވް ސްޕައިން (އެމްއައިއެސް)" އަދި ބޮލަށް ލިބޭ އަނިޔާތަކަށް ހާއްސަ "ތްރީޑީ ޕްރިންޓެޑް ޓައިޓޭނިއަމް ކްރަނިއޮޕްލަސްޓީ" ސާޖަރީ އެވެ.
އޭޑީކޭގައި މި ސާޖަރީތައް ކާމިޔާބުކަމާއެކު ކޮށްފައިވަނީ މި ދާއިރާއިން ފުންނާބު އުސް ދެ ޑޮކްޓަރުން ކަމަށްވާ ޑރ. އަލީ ނިޔާފް އާއި ޑރ. ކިރަން މިރައުލާ އެވެ.
މީގެ ތެރެއިން އެމްއައިއެސް ސާޖަރީ މިމަހުގެ ތިންވަނަ ހަދާފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރެހެނެއްގެ އެެވެ. ދެ ގަޑިއިރުގެ ސާޖަރީއަށްފަހު އެ މީހާ ފަސް ދުވަހު ހޮސްޕިޓަލުގައި ބޭއްވުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އޭޑީކޭ އިން މައުލުމާތުދޭ ގޮތުގައި ގެއަށް ދޫކޮށްލިއިރު އޭނާގެ ހާލު ރަނގަޅެވެ. އަދި ރިހުން ވެސް ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ. އެއް މަސް ދުވަހުގެ ތެރޭގައި ޕޭޝަންޓްގެ ހާލު އެއްކޮށް ރަނގަޅު ވާނެ ކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ތްރީޑީ ޕްރިންޓެޑް ޓައިޓޭނިއަމް ކްރަނިއޮޕްލަސްޓީ ސާޖަރީ ކުރީ މި މަހުގެ 18 ވަނަ ދުވަހު އުމުރުން 25 އަހަރުގެ ބިދޭސީ ފިރެހެނެއްގެއެވެ. މިއީ 30 މިނެޓުގެ ސާޖަރީ އެކެވެ.
ހޮސްޕިޓަލުން ބުނީ ސާޖަރީއަށްފަހު މިއަދު އޭނާ ދޫކޮށްލާނެ ކަމަށާއި، އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ. އޭނާގެ ނިއުރޮލޮޖިކަލް ޑެފިސިޓެއް ނެތް ކަމަށާއި ސްކޭން ތަކުން ދައްކާ ގޮތުގައިވެސް އޭނާ ރަނގަޅު ކަމަށެވެ. އަދި އާންމުކޮށް ކެއިން ބުއިމުގެ ކަންކަން ކުރެވޭނެ ކަމަށާއި ނަމަވެސް ބުރަ މަސައްކަތްތައް އަދި އޭނާއަށް ނުކުރެވޭނެ ކަމަށްވެސް ބުންނެވެ.
މި ސާޖަރީ ކުރުމަށްފަހު ހަ ހަފްތާގެ ތެރޭގައި ޕޭޝަންޓްގެ ހާލު އެއްކޮށް ރަނގަޅުވާނެ ކަމަށްވެސް އޭޑީކޭއިން ބުންޏެވެ.