އޭޑިކޭ ހޮސްޕިޓަލް

ނުވަ އަހަރަށްފަހު ޑރ. ނިޔާފް އޭޑީކޭއިން ވަކިވެވަޑައިގެންފި

ނުވަ އަހަރު ދުވަހު އޭޑީކޭ ހޮސްޕިޓަލްގައި ސީނިއާ ނިއުރޯސާޖަނެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމަށްފަހު ޑރ. އަލީ ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފި އެވެ.

ޑރ. ނިޔާފް އަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯސާޖަނަށް ވުމުން އެއީ މިވަގުތު ރާއްޖޭގައި އެ ދާއިރާގައި ހުރި އެންމެ ތަޖުރިބާކާރު އަދި ފުންނާބުއުސް ޑޮކްޓަރެވެ.

އޭޑީކޭއިން މިއަދު ވަނީ ނުވަ އަހަރާއި 10 މަސް ފަހުން ޑރ. ނިޔާފް އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންފައިވާތީ އޭނާގެ ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ވަނީ ކާމިޔާބުކަމާއެކު މިހާތަނަށް 2،000 އަށްވުރެ ގިނަ ނިއުރޯސާޖަރީ ފުރިހަމަކުރައްވާފަ އެވެ.

ޑރ. ނިޔާފް ވަނީ އެމެރިކާ، ރަޝިއާ، އިންޑިއާ، ބްރެޒިލް އަދި ނޭޕާލްގެ އެކި އިންޓަނޭޝާނަލް ޕްލެޓްފޯމްތަކުން ތަމްރީންތައްވެސް ފުރިހަމަކުރައްވާފަ އެވެ.

ޑރ. ނިޔާފް ދެން ބަލި މީހުން ބައްލަވާނީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީ ގައެވެ. އެތަނުން ވަނީ މިއަދުން ފެށިގެން ޑރ. ނިޔާފް އަށް އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ މީހުން 7744515 އަކަށް ގުޅުމަށް އެދިފަ އެވެ.