ފިނިޕޭޖް

ކާންޔޭ ވެސްޓްގެ ގެއްލުނު ކުއީން

ކާންޔޭ ވެސްޓާއި ކިމް ކާޑޭޝިއަން މިދިޔަ އަހަރު ވަކިވެ، ރަސްމީގޮތުން ވަރިވިތާ މިހާރު ހަ މަސް ވެއްޖެ އެވެ.

މި ދެ ސެލެބްރިޓީންގެ ކައިވެނި ނިމުމަކާ ހިސާބަށް ދިޔައިރު ކާންޔޭ ދިޔައީ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނައުމާ ގުޅޭ އެކި ޕޯސްޓްތައް ކުރަމުންނެވެ.

ކާންޔޭ، ކިމް ވަރިކުރަން އުޅޭކަމަށް ބުނި ނަމަވެސް، ވަރިއަށް އެދިފައިވަނީ ކިމް އެވެ. އޭގެ ފަހުން ވަރިކުރަން ބޭނުންނުވާ ކަމަށްވެސް ކާންޔޭ ޕޯސްޓް ކުރި އެވެ.

ވަކިވުމަށްފަހު އެކި މީހުންނާ ލޯބީގެ ގޮތުން ގުޅުނު ނަމަވެސް، ކާންޔޭގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދޭހަވަނީ ކާންޔޭގެ ހިތުން އަދިވެސް ކިމް ފިލައިގެން ނުދާ ކަމެވެ.

މިދިޔަ ހޯމަ ދުވަހު ކާންޔޭ އިންސްތަގްރާމްގައި ޝެއާ ކުރިކަމަށް ދައުރުވާ ޕޯސްޓެއްގައި ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި ހުދުކުލައިން ލިޔެފައިވަނީ އިނގިރޭސިންގެ އިހްސާސްތައް އެނގޭ ކަމަށާއި އޭނާގެ ރާނީވެސް ގެއްލިއްޖެ ކަމަށެވެ.

މި ޕޯސްޓުން ކާންޔޭގެ "ރާނީ" އަކީ ކާކުކަން އިޝާރާތްކުރަނީ ކިމް ކާޑޭޝިއަންއަށް ކަމަށް ގަބޫލުކުރެވެ އެވެ.

ކާންޔޭ އަކީ އަބަދުވެސް ކަންތައްތަކަށް ވަރަށް ވަރުގަދަ ހިޔާލުތައް ގެންގުޅެ، އެކަން ޖެހިލުމެއްނެތި ފާޅުކުރާ މީހެކެވެ. އެގޮތުން އެކި ފަހަރުމަތިން ތަފާތު ކަންކަމުގައި ކާންޔޭ ޕޯސްޓްތައް ކޮށްފައިވާއިރު، ކިމްއަށް ރައްދުވާ ގޮތަށާއި ކިމްގެ ލޯބިވެރިންނާ ޖައްސާލައިގެން ވެސް ޕޯސްޓުތައް ކުރި އެވެ.

ނަމަވެސް މި ފަހަކަށް އައިސް އެ ދެ މީހުންގެ ހަތަރު ދަރިން ކިމް ގެންގުޅޭގޮތާ މެދު ކާންޔޭ ވަނީ އިންޓަވިއުތަކުގައާއި ސޯޝަލް މީޑިއާގައި ޕޯސްޓްތަކުގައި ތައުރީފް ކޮށްފަ އެވެ. މީގެ އިތުރުން ކިމް ދޫކުރަން ބޭނުންނުވާ ކަމަށްވެސް ކާންޔޭ ބުނެފައިވެ އެވެ.

ކާންޔޭ ދާދި ފަހުން ކެންޑިސް ސްވޯންޕޯލްއާ ލޯބީގެ ގޮތުން ގުޅިފައިވާ ކަމަށްވެސް ވާހަކަ ފެތުރުނެވެ.