ރެޕާ އަދި އެކްޓާ ކޫލިއޯ އުމުރުން 59 އަހަރުގައި އިއްޔެ ހަވީރު މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކޫލިއޯ ރައްޓެއްސެއްގެ ގެއަކަށް ގޮސް ފާހާނާއަށް ވަދެ ގިނަ އިރުވެގެން ބެލިއިރު އޮތީ މަރުވެގެން ބިންމައްޗަށް ވެއްޓިފަ އެވެ.
ކޫލިއޯގެ މަރުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި ކޫލިއޯގެ މަރުގައި ޝައްކުކުރެވޭ އެއްވެސް ކަމެއް ހުރިކަން މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށް ލޮސް އެންޖަލަސް ޕޮލިސް ޑިޕާޓްމަންޓްގެ ޕަބްލިކް އިންފޮމޭޝަން އޮފިސަރު ޖެފްރީ ލީ ބުންޏެވެ.
ކޫލިއޯގެ މެނޭޖަރު ބުނީ ބޮޑަށް ބެލެވެނީ ކޫލިއޯއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށެވެ.
ކޫލިއޯގެ މަރުގެ ވާހަކަ ހިއްސާކުރުމާ ގުޅިގެން އައިސް ކިއުބް، އެލްއެލްކޫލްޖޭ، ސްނޫޕް ޑޯގް، ފްލޭވާ ފްލޭވް، ކުއެސްޓްލަވް ފަދަ ރެޕް ލަވަކިޔުންތެރިން ވަނީ ތައުޒިޔާގެ މެސެޖްތައް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
މިއުޒިކް ކެރިއާ ފަށަންވެގެން ކޫލިއޯއަށް ނަން ބަދަލުކުރި އާޓިސްޓް ލިއޮން އައިވީ ޖޫނިއާ ކުރިން މަސައްކަތް ކުރީ ވޮލަންޓިއާ ފަޔާ ފައިޓާ އަދި އެއާޕޯޓް ސެކިއުރިޓީގަ އެވެ.
އޭނާއަކީ ޕެންސިލްވޭނިއާގެ މޮނެސެންއަށް އުފަންވި މީހެކެވެ. 90ގެ އަހަރު ތަކުގައި ކޫލިއޯއަށް މެދު މިންވަރެއްގެ ކާމިޔާބެއް ލިބުނެވެ.
ކޫލިއޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 1995 ގައި ނިކުތް މިޝޭލް ފައިފާ މައި ލޯލް ރޯލް އަދާކުރި "ޑޭންޖަރަސް މައިންޑްސް" އަށް ކީ "ގޭންގްސްޓާސް ޕެރެޑައިޒް" ލަވަ އެވެ.
މި ލަވައަށް ވަނީ ގްރެމީ އެވޯޑާއި އެހެން ބައެއް އެވޯޑްތައް ވެސް ލިބިފަ އެވެ. އޭގެފަހުން ދެތިން ލަވައެއް ހިނގި ނަމަވެސް، "ގޭންގްސްޓާސް ޕެރެޑައިޒް" ވަރުގެ ކާމިޔާބީއެއް ކޫލިއޯ އަށް ލިބިފައެއް ނުވެ އެވެ.
ރެޕް ކުރުމުގެ އިތުރުން ކޫލިއޯގެ ކެރިއަރުގެ މިސްރާބު އެކްޓްކުރުމާ ދިމާލަށް ފަހުން އަނބުރާލި އެވެ. މިގޮތުން އެކި ޓީވީ ސީރީޒްތަކާއި ފިލްމްތަކުގައި މައިގަނޑު ގޮތެއްގައި ސައިޑް ރޯލް އަދާކުރުމުގެ އިތުރުން "ބިގް ބްރަދާ" ފަދަ ރިއަލިޓީ ޝޯތަކާއި ކައްކާ ޝޯތަކުގައި ބައިވެރިވެފައިވެ އެވެ.
ކޫލިއޯ ފަހުން ވަނީ ކެއްކުމުގެ ޝައުގުވެރިކަން ކެރިއަރާ ގުޅުވާފަ އެވެ. އަދި ކެއްކުމާ ގުޅޭ މައުލޫމާތު ހިމެނޭ ދެ ފޮތެއް ވެސް ނެރުނެވެ. ޝިކާގޯ ފަދަ ސިޓީތަކުގައި ދާދިފަހުން ކޫލިއޯ ބައެއް ޝޯތައްވެސް ބޭއްވި އެވެ.