މިފްކޯ

ކޫއްޑޫގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެއަށް

ގއ. ކޫއްޑޫގައި މިއަދު އަނިޔާވެގެން ފަރުވާ ދިނުމަށްޓަކައި ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ގެންދިޔަ މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގައި ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓި އަނިޔާވީ އުމުރުން 41 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިލިނގިލި ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ ބިދޭސީ މީހާ އެ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެނައި ގޮތަށް މިވަގުތުވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ހާލު ސީރިއަސް ކަމަށް ފެންނަ ކަމުގައިވެސް މެނޭޖަރު ވިދާޅުވި އެވެ.

"އެހެންވެ މިހާރު އިތުރު ފަރުވާ މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދެެއްވާފައިވާތީ މިރޭ ފުރާ ފްލައިޓުން މާލެ ފޮނުވާލުމަށް ތައްޔާރުވަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިފަދަ ނުރައްކާތެރި ބައެއް ހާދިސާތަކުގައި ބައެއް ބިދޭސީން މަރުވެފައި ވެސް ވެއެވެ.