ގއ. ކޫއްޑޫއާއި ގއ. ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަޝްރޫއާ މެދު ވިލިނގިލި ރައްޔިތުން އަލުން ވިސްނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމާ ގުޅިގެން އެ ބްރިޖު އަޅާނެ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.
ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭ އާއި ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ސާވޭ އިން ލިބުނު ނަތީޖާއާ ގުޅޭގޮތުންނާއި އެއްކުރެވުނު މައުލޫމާތާ ގުޅޭގޮތުން ރައީސް ސޯލިހް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
މިބްރިޖުގެ ސާވޭ އާއި ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ.
ވިލިނގިލި ކޫއްޑޫ ބްރިޖު އެޅުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ވިސްނުންފުޅު މިރޭ ތިލަކުރެއްވި ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައިވެސް ގއ. އަތޮޅަށް ވަޑައިގެން ރައީސް ވަނީ ވިލިގިނލި ކޫއްޑޫ ބްރިޖުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ވިލިނގިލި ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ކޫއްޑޫ އާއި ވިލިނގިލި ގުޅާލުމުގެ މަޝްރޫއާ މެދު އަދިވެސް އެއް ފަހަރު ރައްޔިތުން ވިސްނާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވިލިނގިލީގެ ތަރައްގީއަށް "މާރަނގަޅު ޕްރޮޕޯސަލްތަކެއް" އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުއްޓެވެ. ނަމަވެސް އެ ޕްރޮޕޯސަލްތަކުގެ ތަފްސީލެއް ވެސް ހިއްސާކުރައްވާފައެއް ނުވެ އެވެ.
"އެކަމަށް [ބްރިޖު އެޅުމުގައި ކުރިއަށް] ދާނީތޯ. ނޫނީ އަޅުގަނޑުމެންގެ ކުރިމަތީގައި މި ހުރި ޕްރޮޕޯސަލްތަކައިގެން ކުރިއަށް ދާނީތޯ، މިއީ މިއަދު އަޅުގަނޑުމެން ވިސްނާލާފައި ގޮތެއް ނިންމަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ބްރިޖު މަޝްރޫއު ފެށުމާ މެދު އެމަނިކުފާނު ގޮތެއް ނިންމަވާނީ މިކަމުގައި ރައްޔިތުންނާ އިތުރަށް އަދިވެސް މަޝްވަރާކުރުމަށްފަހު ނިންމާ ގޮތްތަކެއްގެ މައްޗަށް ބެލުމަށްފަހު އެވެ.
ވިލިނގިލި ކޫއްޑޫ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައީސް ސޯލިހް ދެވަނަ ވިސްނުމަކަށް ވަޑައިގެންފައިވާއިރު މި ބްރިޖު އެޅުމުގެ މަސައްކަތަކީ ވިލިނގިލި ކައުންސިލަށް މިދައުރު އިންތިހާބުވި ކައުންސިލަރުން އެންމެ ބޮޑު އިސްކަމެއްދޭ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މިބްރިޖު އެޅުމަކީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވެސް މީގެކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި މަޝްރޫއެކެވެ. އެކަމަކު މިމަޝްރޫއާ މެދު ކުއްލިއަކަށް ސަރުކާރުގެ ވިސްނުމަށް ބަދަލެއް އައިސްގެން އުޅޭ ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ކޫއްޑޫ އަކީ އެ ރަށުގެ އެއްބައިގައި ޓޫރިޒަމް ތަރައްގީކޮށްފައިވާ ރަށެކެވެ. މީގެއިތުރުން ކޫއްޑޫގައި އޮތް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ ވާހަކަތަކެއް ވެސް ދޭތެރެއަކުން މީޑިއާއަށް ތިލަވެ އެވެ. އަދި ކޫއްޑޫގައި ހުންނަ ސަރުކާރުގެ މަސް ފެކްޓަރީވެސް އިތުރަށް ބޮޑުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ކޫއްޑޫ ވަކި ރަށެއްގެ ގޮތުގައި ބާއްވައިގެން އެރަށުގައި އިގްތިސާދީ އެތައް މަސައްކަތްތަކެއް ފުޅާކުރަން ސަރުކާރުން ވިސްނަނީ ކަމަށެވެ.