ގއ. ވިލިނގިލި ފަޅު ހިއްކައިގެން އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ވިލިނގިލީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ވިލިނގިއްޔާ އިންވެގެން އޮންނަ ކޫއްޑޫގައި މިހާރު އޮތް އެއާޕޯޓް އޭނާގެ ވެރިކަމެއްގައި ބަދަލުކުރާނީ ޓްރެއިނިން އެއާޕޯޓަކަށް ކަމަށެވެ.
ވިލިނގިލި ފަޅު ހިއްކައިގެން ހަދާ އެއާޕޯޓާ އެކު އެތަނުގައި އަދި ރާއްޖޭގެ ދެކުނު އެކި ސަރަހައްދުގައި އިންޓަގްރޭޓެއް ޓޫރިޒަމް ޕްރޮޖެކްޓްތައް ފަށާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ގދ. އަތޮޅާއި ގއ. އަތޮޅުގައިވެސް އިންޓަނޭޝަނަލް އެއާޕޯޓެއް އޮންނަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ގއ. އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމަކީ މުހިންމު ކަމެއް. ވިލިނގިލި ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިިން އެއާޕޯޓެއް ގޮތުގައި ބޭނުންކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލިނގިލި ފަޅުގައި އެއާޕޯޓް އެޅުމަށް ބިން ހިއްކާނީ ވިލިނގިއްޔާ އެ ފަސްގަނޑާ ގުޅިގެންދާ ގޮތަށް ކަމަށެވެ. އަދި ހިއްކާ ބިމުގައި އެއާޕޯޓެއް އެޅުމުގެ އިތުރުން ވިލިނގިލި ރައްޔިތުންނަށާއި އަމިއްލަ އިހްތިޔާރުގައި ވިލިނގިއްޔަށް ބަދަލުވާން ބޭނުންވާ މީހުން ދިރިއުޅުމަށް ބޯހިޔާވަހިަމަށް ބިން ދޫކުރާނެ ކަމަށެވެ.
ވިލިނގިލީގައި ގައުމީ ޔުނިވަސިޓީގެ ކެމްޕަސް އަޅައިދިނުމަށާއި އެތަނުގައި ކިޔަވަން ބޭނުންވާ ދަރިވަރުން ތިބުމަށް ދަނާލެއް ހަދައިދިނުމަށްވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ޒުވާނުންގެ ތެރެއިން ކުޅިވަރު ކުޅެން ޝައުގުވެރިވާ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތަށް ވަސީލަތްތައް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ނުކޮށްދެވޭނެ ކަމެއްގައި އަޅުގަނޑު ވައުދެއް ނުވާނަން،" ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ކޫއްޑޫ މަސް ފެކްޓަރީ އިތުރަށް ތަރައްގީކުރުމަށާއި ވިލިނިގިލި ހިމެނޭ ސަރަހައްދުގައި ޑިކޮމްޕެރެންޝަން ޗެމްބަރެއް ގާއިމުކޮށްދިނުމަށްވެސް ވައުދުވެވަޑައިގެންފަ އެވެ.