ނިމިދިޔަ ވެރިކަމާއި މިހާރުގެ ވެރިކަމުގައި ހުރި އެންމެ ބޮޑު ތަފާތަކީ އިންތިހާބުތަކުގައި ވާދަކޮށް މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތައް ހިންގަން ޖާގަ އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ އެންމެ ފަހުންގެ ރިޔާސީ އިންތިހާބު ކުރިމަތިވިއިރު އޭރު ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ޖަލުގައި ކަމަށެވެ. އެގޮތުން މިހާރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ލީޑަރަކު އޭރު ޖަލުގައި ނުވަތަ ހުކުމެއްގައި ގައުމުން ބޭރަށް އަރުވާލެވިގެން ތިއްބެވި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް އެ ވިދާޅުވި ހަތަރު ބޭފުޅުންނަކީ އެމަނިކުފާނުގެ އިތުރުން ފާރިސް މައުމޫނާއި، މުހައްމަދު ނާޒިމު އަދި ގާސިމް އިބްރާހީމް އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގެންނެވިއިރު އެ ދާއިރާގެ އޭރުގެ މެންބަރު އަދި މިއަދުވެސް މެންބަރު ކަމުގައި ހުންނެވީ ސައުދު ހުސައިން ވެސް ހުންނެވީ ޖަލުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަމަވެސް މިއަދު އޮތީ އެހެންތޯ؟ މިއަދު އޮތީ އެ ހާލަތްތޯ؟" ކެމްޕޭނަށް މިއަދު ފުރުސަތު ހުޅުވާލެވިފައި އޮތް މިންވަރު ހާމަކުރެއްވުމަށްފަހު ރައީސް އެއްސެވި އެވެ.
ނިމިދިޔަ ސަރުކާރުގައި އޮތް އަނިޔާވެރިކަން އިތުރަށް ހާމަކޮށްދެއްވުމުގެ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ގައުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވި ބޭފުޅަކު ހުންނެވި ނަމަ އެ ބޭފުޅަކު ވެސް އޭރު ހުންނެވީ ޖަލުގައި ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމު ނިމިދިޔަ ސަރުކާރުގައި ޖަލަށްލުމަށެވެ.
ރައީސް ވިދާޅުވީ މިއަދު ކޮންމެ މީހަކަށްވެސް ގާނޫނީ އިމުގެ ތެރޭގައި މިނިވަންކަމާ އެކު އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރެވޭނެ ކަމަށެވެ. އެހެންވެ ރައީސް އެދިވަޑައިގަތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓުލާން ނިކުންނައިރު ވިސްނުމަށްފަހު ވޯޓު ދެއްވުމަށެވެ. ރައީސް ވިދާޅުވީ ގޯސްކޮށް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފިނަމަ އަލުން ކުރީގެ އަނިޔާވެރިކަން ތަޖުރިބާކުރެވި މިއަދު ހޯދަމުންދާ ތަރައްގީ ހުއްޓިދާނެ ކަމަށެވެ.