މުހައްމަދު ނާޒިމް

ކޫއްޑޫއާއި ވިލިނގިލި ގުޅާލައި ތަރައްގީކޮށްދޭނަން: ނާޒިމު

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލައި އެ ސަރަަހައްދު ތަރައްގީ ކޮށްދެއްވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމް ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކު ގުޅާލުމަކީ ވިލިނގިލީ ރައްޔިތުންގެ އެދުމަކަށް ވާތީ އޭނާގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށެވެ. ބްރިޖާ އެކު ވިލިނގިލި އިގްތިސާދީ ގޮތުން ކުރިއަރައިގެން ދާނެ ކަމަށާއި އެ ސަރަހައްދު ތަރައްގީކުރާނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން ކަމަށެވެ.

"މިސަރުކާރުން އެ މަސައްކަތް ފަށަން އުޅުނު ނަމަވެސް އެކަން ފުރިހަމަ ކޮށްދެވިފައެއް ނުވޭ،" ބްރިޖަކުން ކޫއްޑޫއާއި ވިލިނގިލި ގުޅާލުމަކީ މިސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވި އެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމުގެ ބްރިޖް މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީއެއް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފަ އެވެ. އޭގެފަހުގައި ރައީސް ވަނީ ވިލިގިއްޔަށް ވަޑައިގެން އެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ރައްޔިތުންނާ އިތުރަށް މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ކޫއްޑޫއާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ ކޫއްޑޫ މިއަދުވެސް އޮތީ އޭނާ މީގެ 25 އަހަރު ކުރިން ކޫއްޑޫއަށް ޒިޔާރަތްކުރި ގޮތަށް ކަމަށެވެ. ކޫއްޑޫ މިހާރު އޮތީ ޒަމާނާ އެއްގޮތަށް ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އެބައޮތް ކޫއްޑޫއަށް ބޮޑު ބަދަލެއް ގެނައުމުގެ. ސަރުކާރުތަކުން މި ވާހަކަތައް ދައްކާ، ނަމަވެސް މިހާތަނަށް ދިޔައިރުވެސް ހަމަ މި ކޫއްޑޫއަށް ބަދަލެއް ގެނެވޭ ތަނެއް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖުގައި މަސް ފިނިކޮށްގެން ބެހެއްޓުމުގެ މިންގަނޑު އިތުރު ކޮށްދޭނެ ކަމަށާއި، 10،000 ޓަނުގެ މަސް ރައްކާ ކުރެވޭ ގޮތްވެސް ހަދައިދީ، މަސް ބަންދުކުރެވޭ ގޮތްވެސް ހަދާނެ ކަމަށެވެ. އަދި މަހުގެ ބައި ޕްރޮޑަކްޓްސް އުފައްދައިގެން ވިއްކޭނެ ގޮތް ހަމަޖައްސައި، 200 ޓަނުގެ މަސް ބަންދު ކުރެވޭ ފެންވަރަށް އެތަން ތަރައްގީކޮށް 1،500 ޓަނުގެ މަސް ކިރޭ ގޮތަށް ކޫއްޑޫ އިތުރަށް ތަރައްގީކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މަސްވެރިންނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ވަރަށް ގިނަ ކަންކަން މަސްވެރިންނަށް ފަހިކޮށްދިނުމަށް ސިޔާސަތުތަކެއް އެބަހުރި ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެކަންކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެެވެ.