މުހައްމަދު ނާޒިމް

ބިރުދައްކަން ނޫޅޭ، ހޯދޭނެ އެއްޗެއް ނޯންނާނެ: ނާޒިމު

ސަރުކާރުން އޭނާގެ ފަހަތުން ދުވެ ހޯދޭނެ އެއްޗެއް އަދި ބެލޭނެ އެއްޗެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެއްޖެ އެވެ.

ނާޒިމުގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒުވެފައި މިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެކުލަވާލި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ކޯނީ ރިޕޯޓް ގެއްލިފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

ކެމްޕޭން ދަތުރުފުޅެއްގައި މިމަހުގެ ހަތަރުވަނަ ދުވަހު ހދ. ނޭކުރެންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ އެ ރިޕޯޓް ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި އެ ރިޕޯޓް ގެއްލުނު އިރެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ރައީސްގެ ކެމްޕޭން ޖަލްސާތަކުގައި އޭގެފަހުން ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ އެ ރިޕޯޓް ގެއްލުނީ ނާޒިމުގެ ޑިފެންސް މިނިސްޓަރު ކަމުގައި މިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ ތުހުމަތަށް ރައްދުދެއްވާ ނާޒިމު ވާހަކަ ދެއްކެވީ މިރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ކެމްޕޭން ޑިނާ ނައިޓް ގައެވެ.

ނާޒިމު ވަނީ ކޯނީ ރިޕޯޓް ގެއްލުނު ކަމަށް ވިދާޅުވެ ބިރު ދެއްކުމަށް ނޫޅުމަށާއި ފަހަތުން ދުވެގެން ހޯދޭނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވެ ސަރުކާރަށް ގޮންޖައްސަވާފަ އެވެ.

ނާޒިމު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ނަމަވެސް އޭނާ ކުރެއްވި ކުށެއް ނޯންނާނެ ކަމަށާއ އެކަމަކު ގައުމީ ވާޖިބު އެ ދުވަހު އަދާކުރައްވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުގަކީ ފަސްބައި ސާފުވާނެ މީހެއް. ފަހަތުން ދުވެގެން ހޯދށާނެ އެއްޗެއް ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ހިދުމަތުގައި 25 އަހަރު ހޭދަކުރެއްވީ އިހްލާސްތެރިކަމާ އެކު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަން ބަދަލުކުރާނެ ކަމަށެވެ.

ކޯނީ ރިޕޯޓްގައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ އެމްޑީޕީން އޭރު ތުހުމަތުކުރި ގޮތަށް ބަޣާވާތަކުން ނޫން ކަމަށް ކަނޑައަޅާފަ އެވެ.