މުހައްމަދު ނާޒިމް

ނާޒިމު، ރައީސަށް: ވައުދު ފުއްދަވާފައި ދެވަނަ ދައުރެއްގެ ވާހަކަދައްކަވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަން ވާނީ ފުރަތަމަ ދައުރުގައި ރައްޔިތުންނަށް ވީވައުދުތައް ފުއްދެވުމަށްފަހު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ރައީސް ސޯލިހް މިހާރު ކުރައްވާ ކެމްޕޭން ދަތުރުފުޅުތަކުގައި މެނިފެސްޓޯއެއްގެ ވާހަކަފުޅު އެހާ ބޮޑަށް ނުދައްކަވާ ކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ ވެރިކަމުގެ ފުރަތަމަ ދައުރުގައި ފުރިހަމަކުރަން ވިދާޅުވި ވައުދުތައް ވެސް ނުނިމި އޮތް މަންޒަރު ކަމުގައި ވިދާޅުވި އެވެ.

"ފަސް އަހަރުން ނުނިމުނީމަ ދެން އެކުލަވާލަން އުޅުމުގެ ބޭނުމެއް ނެތް. އަޅުގަނޑު ދެން ރައީސްއަށް އިލްތިމާސްކުރަން އޮތީ ދެން ފައިބާވަޑައިގަންނަވާށޭ، އެހެން ބަޔަަކަށް ފުރުސަތު ދެއްވާށޭ،" ރައިސް ސޯލިހަށް ފާޑުކިޔުއްވާ ނާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަށް ބޭފުޅުން ކުރިމަތިލައްވާފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ނާޒިމު ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުންނަކީ "ސީރިއަސްކޮށް" އިންތިހާބަށް ކުރިމަތިލައިގެން އުޅޭ ބޭފުޅުން ނޫން ކަމަށެވެ. އަދި އެބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ރައްޔިތުންނާ އެއްވެސް ވަރަކަށް ބައްދަލުކުރައްވާފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަަކުރައްވާ ބައެއް ބޭފުޅުން އަދިވެސް މެނިފެސްޓޯއެއް ރައްޔިތުންނަށް ދައްކާފައި ނުވާތީ އެކަން ފާހަގަކުރައްވާ ނާޒިމު ވަނީ އެބޭފުޅުންގެ ވެރިކަމެއް ކުރުމަށް ގާބިލްތޯ ސުވާލު އުފައްދަވާފަ އެވެ.

"ރައްޔިތުން ބޭނުންވަނީ އިދްތިސާދީގޮތުން ވަރުގަދަ ބަޔަކަށްވާން. ރައްޔިތުން ބޭނުންވަނީ މިނިވަން ކަމާއި އެކީގައި އެމީހުން އުފަލާއި އެކީ އުޅޭނެ މާހައުލެއް ގާއިމުކުރަން. އެކަމެއް ފަސް އަހަރު ތެރެއަކު ނުދެއްކުނު،" މިސަރުކާރަށް ކަމެއް ކުރެވިފައި ނެތް ދޭހަވާ ގޮތަށް ނާޒިމު ވިދާޅުވި އެވެ.

ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުގެ ތެރޭގައި ހިންގައިދިޔަ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ ނާޒިމު ވިދާޅުވީ އެ ހަމަނުޖެހުންތަކަށްފަހު އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓޭއްގެ ގޮތުގައި ނެރުއްވާފައިވާ ޑރ. މުހައްމަދު މުއިއްޒަކީ އެ މަގާމަށް މުޅިން ގާބިލް ބޭފުޅެއް ނޫން ކަމަށެވެ. ސަބަބަކީ ސިޔާސީ ލީޑަރެއް ދައްކާހާ މީހެއްގެ ކިބައިގައި ލީޑަރެއްގެ ގައިގާ ހުންނަން ޖެހޭނެ ސިފަ ނުހުންނާނެތީ ކަމުގައި ވިދާޅުވި އެވެ.

"ލީޑަރަކު ދައްކާހާ މީހަކަށް ތިބޭފުޅުން ވޯޓު ލާކަށް ނުޖެހޭ،" މުއިއްޒުގެ ނަން ވިދާޅުނުވެ ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކުރީގެ އެއްވެސް ރައީސަކަށް ނުހައްގުން އަނިޔާ ނުކުރެވޭނެ ކަމަށާއި އެއްވެސް ސިޔާސީ ލީޑަރަކު ބިރުވެކަމެއްގެ ތެރޭގައި ހުންނަންވެސް ނުޖެހޭނެ ކަމަށެވެ. ބައެއް ކެންޑިޑޭޓުން މިހާރު ކެމްޕޭންގައި ދައްކާ ދަޅައަށް ހެއްލިގެން ނާގާބިލް ބޭފުޅަކަށް ވޯޓު ނުލުމަށާއި އެންމެ ގާބިލް ބޭފުޅާއަށް ވޯޓުލުމަށްވެސް ނާޒިމު ވަނީ އެދިވަޑައިގެންފަ އެވެ.

"ތިބޭފުޅުން ޖެހޭނީ ތިބޭފުޅުންގެ ހަގީގީ މާނާއިގައި ތިބޭފުޅުންގެ ވިސްނުން ގައުމާ އެކީގައި ތިއްބަވަން. އެހެންގޮތަކަށް ކަންކަން ކުރައްވައިފިއްޔާ މިއީ ތިބޭފުޅުންނަށް ތިކުރެއްވެނީ ގައުމާ ދޭތެރޭގައި ގައްދާރީ،" ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ނާޒިމު ވިދާޅުވި އެވެ.