ކޮލަމްބިއާގެ ލަވަކިއުންތެރިޔާ ޝަކީރާގެ މައްޗަށް ޓެކްސްއަށް މަކަރު ހެދުމުގެ ހަ ދައުވާއެއް ކޮށްފި އެވެ.
ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ރަސްމީކޮށް ޝަކީރާ ދިރިއުޅޭ ގައުމަކީ ބަހާމަސް ކަމަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް، 2012 އާއި 2014އާ ދެމެދު ޝަކީރާ ގިނައިން ދިރިއުޅެފައިވަނީ ސްޕެއިންގައި ކަމަށެވެ. އެހެންކަމުން ސްޕެއިންގެ ސަރުކާރަށް އެ މުއްދަތަށް 13.9 މިލިއަން ޔޫރޯ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށެވެ. އެކަމަކު މި އަދަދު ދައްކާފައި ނުވާތީ، ޝަކީރާއަށް އަށް އަހަރުގެ ޖަލު ހުކުމަކަށް އެދިފައިވެ އެވެ.
ޝަކީރާ ބުނާ ގޮތުގައި އޭނާއާ މެދު ކޮށްފައިވަނީ ތެދު ނޫން ދައުވާތަކެއް ކަމަށާއި އޭނާ ސްޕޭންގައި ހޭދަކުރީ އެ ދެ އަހަރުގެ ދެބައިކުޅަ އެއްބައަށްވުރެ ވެސް މަދުން ކަމަށެވެ.
ޝަކީރާގެ ގާނޫނީ ޓީމުން އޭނާ އަކީ ކަންކަމުގައި އެއްބާރުލުން ދޭނެ އަދި ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތައިގެން ޓެކްސް ދައްކާ ފަރުދެއް ކަމަށެވެ.
ޝަކީރާގެ ވަކީލުން އިތުރަށް ބުނީ ޕްރޮސެކިއުޓަރުން ބުނާ ޓެކްސް ފައިސާ އިންޓަރެސްޓާ އެކު އޭނާ މިހާރު ދައްކައިފި ކަމަށާއި އެކަމަކު ޝަކީރާ ބޭނުންވަނީ ކުށެއްނެތް ކަން ސާބިތުކުރަން ޝަރީއަތް ކުރިއަށް ގެންދާށެވެ.
ސްޕެއިންގެ ޕްރޮސެކިއުޓަރުން ޝަކީރާގެ މާލީކަންތައްތައް ތަހުގީގުކުރަން ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. މިކަމުގެ ސަބަބަކީ 2017 ވަނަ އަހަރު ލީކްވި ޕެރަޑައިސް ޕޭޕާސްގައި ފައިސާގެ ގަޑުބަޑު ހަދާކަމަށް އޮތްލިސްޓުގައި ޝަކީރާގެ ނަންވެސް ހިމެނުމުންނެވެ.
މީގެ އިތުރުން 2021 ގައި ލީކްވި ޕެންޑޯރާ ޕޭޕާސްގައިވެސް ޝަކީރާގެ ނަން ހިމެނުނެވެ. ޝަކީރާގެ ގާނޫނީ ވަކީލުން ބުނީ ގަވައިދާ ހިލާފު އެއްވެސް ކަމެއް ޝަކީރާ ކޮށްފައި ނުވާ ކަމަށެވެ.
ޝަކީރާ 2011 ވަނަ އަހަރު ސްޕެއިންގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖެރާޑް ޕީކޭއާ ލޯބީގެ ގޮތުން ގުޅި، ދެ މީހުންގެ ދެ ކުދިންވެސް ތިބެ އެވެ. މި ދެމީހުން ވަނީ މިއަހަރުގެ މާޗް މަހު ވަކިވި ކަމަށް އިއުލާންކޮށްފަ އެވެ.
އުމުރުން 45 އަހަރުގެ ޝަކީރާއަކީ "ވެން އެވާ، ވެއަ އެވާ"، "ބިއުޓިފުލް ލަޔާ"، ހިޕްސް ޑޯންޓް ލައި"، 2010 ގެ ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް ލަވަ "ވާކާ ވާކާ – އިޓްސް ޓައިމް ފޯ އެފްރިކާ" ފަދަ ކާމިޔާބު ލަވަތަކަކުން މަޝްހޫރު ކަން ހޯދި ފަންނާނެކެވެ.
މީގެއިތުރުން ލަވަ ކިޔައިގެން ތިން ގްރެމީ، 12 ލެޓިން ގްރެމީ އަދި އެހެނިހެން އެތައް އެވޯޑެއްވެސް ޝަކީރާ ހާސިލްކޮށްފައިވެ އެވެ. އަދި ޓެލެންޓް ޝޯ "ވޮއިސް"ގެ ޖަޖެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އެވެ.