ފިނިޕޭޖް

ކްރިސްޓިއަން ބޭލްގެ "އެމްސްޓަޑަމް"

ކްރިސްޓިއަން ބޭލް، މާގޯ ރޮބީ އަދި ޖޯން ޑޭވިޑް ވޮޝިންޓަން ހިމެނޭ "އެމްސްޓަޑަމް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

މި ފިލްމަކީ 1930 ގައި ހިނގާދިޔަ ހާދިސާއަކަށް ބިނާކޮށްފައިވާ ޕޮލިޓިކަލް ކޮންސްޕިރަސީ އެކެވެ.

މި ފިލްމްގައި ތިން ރަހްމަތްތެރިން ކަމުގައިވާ ޑޮކްޓަރަކާއި ނަރުހަކާއި ލޯޔަރެއް ބައިވެރިވެގެން ސެނޭޓާއެއް މަރާލިކަމުގެ ތުހުމަތުގައި ބެދެ އެވެ. މިއީ ވަރަށް ހައިރާން ކުރަނިވި ޕްލޮޓެކެވެ.

ކްރިސްޓިއަން ބޭލް ބުނި ގޮތުގައި މި ފިލްމްގެ ޑައިރެކްޓަރު އަދި ވާހަކަ ލިޔުނު ޑޭވިޑް އޯ ރަސަލް ވަނީ މި ފިލްމުގެ ވާހަކައިގެ މަދުވެގެން 14 ޑްރާފްޓް ލިޔެފަ އެވެ.

"އަހަރެންގެ ބަދިގެ ކަބަޑުން 14 ވަރަކަށް ޑްރާފްޓް ފެނުނު. އަދި އިސްޓާކީނު ލާ ވަތްގަނޑުންވެސް އިތުރު ދެ ޑްރާފްޓް ފެނުނު،" ކްރިސްޓިއަން ބޭލް މި ފިލްމުގެ ވާޗުއަލް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބުންޏެވެ.

މި ފިލްމުގައި މައި ތިން ތަރިންގެ އިތުރުން ޒޮއީ ޒަލްޑާނާ، ކްރިސް ރޮކް، މައިކް މަޔާސް، ޓިމޮތީ އޮލިފޯންޓް، މައިކަލް ޝެނަން، ރެމީ މަލެކް، އާންޔާ ޓޭލާ-ޖޯއި، ރޮބަޓް ޑިނީރޯ އަދި ޓޭލާ ސްވިފްޓް ފަދަ ގިނަ ތަރިންތަކެއް ފިލްމުގައި ހިމެނެ އެވެ.

ކްރިސްޓިއަން ބޭލް ވަނީ ކާމިޔާބު ގިނަ ފިލްމްތަކެއް ކުޅެ އޮސްކާ އެވޯޑާއި އެހެނިހެން އެވޯޑްތައް ވެސް ހާސިލްކޮށްފަ އެވެ.

ކްރިސްޓިއަންގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ބެޓްމޭން ބިގިންސް"، "ދަ ޑާކް ނައިޓް"، "ދަ ޑާކް ނައިޓް ރައިޒަސް"، "ދަ ފައިޓާ"، "އެމެރިކަން ހަސަލް" އަދި "ވައިސް"، "ޓާމިނޭޓާ: ސެލްވޭޝަން" ފަދަ ފިލްމްތައް ހިމެނެ އެވެ.

ކްރިސްޓިއަން ވަނީ ޑޭވިޑް އޯ ރަސަލްއާއެކު "ދަ ފައިޓާ" އަދި "އެމެރިކަން ހަސަލް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.