ފިނިޕޭޖް

"ހޯކަސް ޕޯކަސް 2" ވެސް ހިތްގައިމު

1993 ވަނަ އަހަރު ޑިޒްނީއިން ހެލޮވީން ދުވަސްވަރާ ދިމާކޮށް "ހޯކަސް ޕޯކަސް" ކިޔާ ފިލްމެއް ނެރުނެވެ.

މިއީ މައިގަނޑު ގޮތެއްގައި ކުޑަކުދިންނަށް އަމާޒުކޮށް ނެރުނު ކޮމެޑީ އެކެވެ.

މި ފިލްމުގައި ހުނަރުވެރި ތަރިން ކަމުގައިވާ ބެޓް މިޑްލާ، ކެތީ ނަޖީމީ އަދި ސާރާ ޖެސިކާ ޕާކާ އެއްބަނޑު އެއްބަފައި ތިން ވިޗުންގެ ރޯލް އަދާކުރި އެވެ. މި ފިލްމް ނިކުތް އިރު މާ ހާއްސަކަމެއް ނެތަސް، ވޭތުވެ ދިޔަ 29 އަހަރުގެ ތެރޭގައި މި ފިލްމް ވަނީ ވަރަށް މަގުބޫލު ފިމްމަކަށް ވެފަ އެވެ. އެހެންކަމުން ޑިޒްނީ ސްޓޫޑިއޯ އިން "ހޯކަސް ޕޯކަސް 2" އިއްޔެ ނެރުނީ އެވެ.

އޭން ފްލެޗާ ޑައިރެކްޓްކުރި "ހޯކަސް ޕޯކަސް 2" ގައިވެސް ސެންޑާސަން ސިސްޓާސްގެ ރޯލްތައް އަދާކުރަނީ ބެޓް މިޑްލާ، ކެތީ ނަޖީމީ އަދި ސޭރާ ޖެސިކާ ޕާކާ އެވެ. ފުރަތަމަ ފިލްމާ ދެވަނަ ފިލްމުގެ ޕްލޮޓް ދާދި އެއްގޮތްވީ ނަމަވެސް މި ތިން ތަރިންގެ ސްޓައިލް އަދި އެކްޓިން މޮޅުކަމުންނާއި މަޖާކަމުން މި ފިލްމް ވަރަށް ކަމުދެ އެވެ.

މި ނުލަފާ ތިން ވިޗުން ވޯލްގްރީންސްއަށް ބްރޫމް ގަންނަން ދާއިރު އެ ފިހާރާގައި އެންމެ ބްރޫމެއް ހުރެފައި ވެކިއުމް ފަދަ ސާފުކުރާ ތަކެތި ހުރުމުން އުދުހޭނެ ގޮތް ބަދަލުކުރަން ޖެހުނު ގޮތަށް ބައެއް ސީންތަކުގައި ކަންތައްތައް މިޒަމާނާ އެއްގޮތަށް ހިމެނުމުން މި ފިލްމުގެ ވާހަކަ ހަމަޖެހެ އެވެ. މި ފިލްމުގެ ސަޕޯޓިން އެކްޓަރުންވެސް މޮޅަށް އެމީހުންގެ ރޯލްތައް އަދާކޮށްފައިވެ އެވެ.

"ހޯކަސް ޕޯކަސް 2" ގައި ފުރަތަމަ ފިލްމް ގޮތަށް ސެންޑާސަން ސިސްޓާސް މި ދުނިޔެއަށް ފަންޑިތަ ހަދައިގެން ގެނެ އެވެ. ފުރަތަމަ ބައިގައި މިކަން ކުރީ ކުޑަ ފިރިހެން ކުއްޖަކަށްވީއިރު، މި ފިލްމުގައި މިކަން ކުރަނީ 16 އަހަރުގެ ބެކާ ކިޔާ އަންހެން ކުއްޖަކާއި ދެ ރަށްޓެހިންނެވެ.

މި ފިލްމުގައި "ދަ ވިޗް އިޒް ބެކް" ފަދަ ފައްކާ ދެ ލަވަ ހިމަނާފައިވެ އެވެ. މިއީ ފުރަތަމަ ބައިގޮތަށް ދަރިންނާއި އާއިލާ އެއްކޮށް ބަލާލަން މަޖާ އަދި ހިތްގައިމު ފިލްމެކެވެ.