ފިނިޕޭޖް

ދަ ރޮކްގެ "ބްލެކް އެޑަމް"

ޑްވޭން "ދަ ރޮކް" ޖޯންސަންގެ "ބްލެކް އެޑަމް" މިމަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާއިރު، އިންޑިއާގައި މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރަނީ އެވެ.

މި ޖޯމެ ކޮލެޓް-ސޭރާ ޑައިރެކްޓްކުރި ފިލްމުގައި ދަ ރޮކްގެ އިތުރުން ޑރ. ފޭޓްގެ ގޮތުގައި ޕިއާސް ބްރޮސްނަން، ހޯކްމޭންގެ ގޮތުގައި އަލްޑިސް ހޮޖް، އެޓޮމް ސްމޭޝާގެ ގޮތުގައި ނޮއާ ސެންޓީނިއޯ، ސައިކްލޯންގެ ގޮތުގައި ކުއިންޓޭސާ ސްވިންޑަލް އަދި އައިސިސްގެ ގޮތުގައި ސޭރާ ޝާހީ ފެންނާނެ އެވެ.

މި ފިލްމުގައި ބްލެކް އެޑަމްއަކީ އެންޓި-ހީރޯ އެކެވެ. ބްލެކް އެޑަމްއަށް މިސްރުގެ ކުރީގެ ކަލާންގެތައް ބާރު ދިންތާ 5،000 އަހަރު ފަހުން މި ޒަމާނުގައި ބްލެކް އެޑަމްގެ ޓޫމްބް ހުޅުވާ، ނިކުމެ އެވެ. ދެން އޭނާގެ އަމަލުތަކުން ޖަސްޓިސް ސޮސައިޓީ އޮފް އެމެރިކާ ބްލެކް އެޑަމްގެ އުޅުން ރަނގަޅުކޮށް، ހީރޯއަކަށް ވާން ދަސްކޮށްދީ، ބްލެކް އެޑަމްއަށް ވުރެއް މާނުބައި ބާރަކާ ހަނގުރާމަ ކުރަން ތައްޔާރުވެއެވެ.

ވޯނާ ބްރަދާސް އާއި ނިއު ލައިން ސިނެމާ އިން އުފެއްދި މި ފިލްމަކީ ޒެކަރީ ލީވައިގެ "ޝެޒާމް"ގެ ސްޕިން-އޮފް އެކެވެ.

މި ފިލްމް ވަނީ ކޯވިޑް-19 އާ ހެދި ޕްރޮޑަކްޝަން ފަސްވެފަ އެވެ.