ދުނިޔެ

އިންޑިއާއިން ޓެމިލްނާޑޫގައި ސްޕޭސްޕޯޓެއް ހަދަނީ ކީއްވެ

އިންޑިއާގެ ސްޕޭސްޕޯޓް ހެދުމަށް ބޭނުންވާ 2،350 އޭކަރުގެ ތެރއިން 83 އިންސައްތަ ނުވަތަ 1،950 އޭކަރު ހޯދިއްޖެ އެވެ.

އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމުގައިވާ ޓެމިލްނާޑޫގެ ކުލަސޭކަރަޕަޓިނަމް އަކީ އިންޑިއާގެ ސްޕޭސް ޕްރޮގްރާމަށް ހަދާ ދެވަނަ ސްޕޭސްޕޯޓް އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ ޑރ. ޖިތެންޑްރަ ސިންގް ވިދާޅުވީ ޓެމިލްނާޑޫގެ ސަރުކާރު މެދުވެރިކޮށް ސްޕޭސްޕޯޓަށް ބިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މިހާރު ތިބި މުވައްޒަފުން ސްޕޭސްޕޯޓަށް ފޮނުވައި، ފެސިލިޓީތައް ގާއިމުކޮށް، ލޯންޗާ ބެހޭ މުހިއްމު ކަންތައްތައް ކުރާނެ،" ޑރ. ޖިތެންޑްރަ ވިދާޅުވި އެވެ. އަދި މިމަޝްރޫއު ނިމެން ކައިރިވުމުން، ވަސީލަތްތައް ހިންގަން ބޭނުންވާ އަދި މަރާމާރުކުރަން ބޭނުންވާ މުވައްޒަފުންގެ ފެންވަރު ބެލޭނެ ކަމުގައި ވިދާޅުވި އެވެ.

ލަފާކުރެވޭ ގޮތުގައި ދެވަނަ ސްޕޭސްޕޯޓް ލޯންޗުތަކަށް އިންޑިއާ ތައްޔާރުވާނީ 2024 ގައި ނޫނީ 2025 ގައެވެ.

އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ސްރީހަރިކޯޓާގައި މިހާރުވެސް ދެ ލޯންޗް ޕެޑާއެކު ސްޕޭސްޕޯޓެއް އޮފަރޭޓް ކުރެ އެވެ. މި ފެސިލިޓީގައި 1970ގެ އަހަރުތަކުން ފެށިގެން ލޯންޗުތައް ކުރަމުންދެ އެވެ. 1993ގެ ފަހުން ޕީއެސްއެލްވީ، އޭގެ ފަހުން ޖީއެސްއެލްވީ އަދި އަދި ޖީއެސްއެލްވީ އެމްކޭ3 ރޮކެޓްސް މި ފެސިލިޓީގައި ލޯންޗްކޮށްފައިވެ އެވެ.

ސްރީހަރިކޯޓާ ސްޕޭސްޕޯޓްގެ ލޮކޭޝަނުގެ ފައިދާތަކެއް ވެއެވެ. އިރުމަތީ ކޯސްޓްގައި އީކުއޭޓާއާ ކައިރި ހިސާބެއްގައިވާ މި ސްޕޭސްޕޯޓް އިން ލޯންޗްކުރާ ރޮކެޓްތަކަށް ދުނިޔޭގެ އިރު-ހުޅަނގަށް ކުރާ ދައުރު ނޫނީ ރޮޓޭޝާންގެ ވެލޯސިޓީ އިން އެހީވެ އެވެ. މި ރޮޓޭޝަންގެ އަސަރު އެންމެ ބޮޑަށް އިހްސާސްކުރެވެނީ އީކުއޭޓާ ކައިރިންނެވެ. ދުނިޔޭގެ އުތުރު އަދި ދެކުނު ތަނޑިން ރޮޓޭޝަންގެ އެއްވެސް އަސަރެއް އިހްސާސް ނުކުރެ އެވެ. ރޮޓޭޝަންގެ އަސަރުގެ އެންމެ ބޮޑަށް ކުރަނީ އިކުއިޓޯރިއަލް ނުވަތަ އީކުއޭޓާ މަތިން ދައުރުކުރުމުން އޯބިޓްސްގަ އެވެ.

މޫދާ ކައިރިގައިވާ ސްރިހަރިކޯޓާއިން ލޯންޗުކުރާ ރޮކެޓްތައް އިރުމަތީ ކޮޅަށް މޫދުގެ މަތިން އުދުހެއެވެ. އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ރޮކެޓާއި އޭގެ ޑެބްރީ ވެއްޓޭނީ މޫދަށެވެ. މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ބޮޑެތި މައްސަލަތައް ހުއްޓުވެ އެވެ.

ކީއްވެ އިންޑިއާއަށް އިތުރު ސްޕޭސްޕޯޓެއް ބޭނުންވަނީ؟

ސްރީހަރިކޯޓާ އަކީ ބޮޑެތި، ބަރު ރޮކެޓް ލޯންޗުކުރުމަށް ވަރަށް ރަނގަޅު ޕޯޓަކަށްވީ ނަމަވެސް، ކުދި ރޮކެޓްތައް ލޯންޗުކުރުމުގައި މައްސަލަތަކާ ކުރިމަތިލާންޖެހެ އެވެ. މިސާލަކަށް އިސްރޯއިން ތައްޔާރުކުރަމުންދާ ސެޓަލައިޓް ލޯންޗް ވެހިކަލް އިން 500 ކިލޯގްރާމްގެ ސެޓަލައިޓްތައް ލޯންޗުކުރާނެ އެވެ. ސްރީހަރިކޯޓާއިން ޕޯލާ އޯބިޓަށް (ދުނިޔޭގެ ޕޯލްތަކުގެ މަތިން ދައުރުކުރުމަށް) ރޮކެޓް ލޯންޗުކުރުމުގައި މައްސަލަތައް ދިމާވެ އެވެ. ދެކުނު ތަނޑިއާ ދިމާއަށް ސްރީހަރިކޯޓާއިން ލޯންޗުކުރާ ރޮކެޓްތައް ކޮންމެވެސް ވަރަކަށް ސްރީލަންކާގެ މަތިން ދަތުރުކޮށްފާނެ އެވެ. އެހެން ގައުމެއްގެ މަތިން ރޮކެޓް ދަތުރުކުރުމުގެ ނުރައްކާއާ ގުޅިގެން، އިންޑިއާގެ ރޮކެޓްތައް ވަނީ ސްރީލަންކާގެ ސަރަހައްދަށް ނާރާނެ ފަދަ މެނޫވަރެއް ޕްރޮގްރާމްކޮށްފަ އެވެ.

މިފަދަ މެނޫވަރެއް ހެދުމަށްޓަކައި ރޮކެޓެއް ފުދޭވަރެއްގެ ފިއުލް އަންދާނެ އެވެ. ބޮޑެތި ރޮކެޓްތަކަށް މި މެނޫވާ ހެދުމުގައި ރޮކެޓްގެ ޕޭލޯޑް ސިސްޓަމަށް މާބޮޑު އަސަރެއް ނުކޮށް ހެދުނަސް، އެސްއެސްއެލްވީ ފަދަ ކުޑަ ރޮކެޓްތައް ގިނަ އަދަދެއްގެ ފިއުލް އަންދާނެ އެވެ. ގިނަ އަދަދެއްގެ ފިއުލް ބޭނުންކުރާނަމަ އެ ރޮކެޓްގެ ޕޭލޯޑް އުފުލާ އަދަދު މަދުވެ އެވެ. އެހެންކަމުން، އިންޑިއާ އިން ސްރީލަންކާއާ ދުރުން ސީދާ ރޮނގެއްގައި ކުޑަ ރޮކެޓްތައް ލޯންޗުކުރާނެ ތަނެއް ހޯދަމުން އަޔެވެ.

ޓެމިލްނާޑޫގެ ދެކުނު ސަރަހައްދުގައިވާ ކުލަސޭކަރަޕަޓިނަމް އަކީ ޓުޓިކޮރިން ޑިސްޓްރިކްޓްގެ ތަނެކެވެ. މި ސަރަހައްދުން ލޯންޗުކުރާ ކަމުގައިވާނަމަ، އެސްއެސްއެލްވީ ފަދަ ކުޑަ ރޮކެޓްތަކާއި އިންޑިއާގެ ސްޓާޓް-އަޕް ކުންފުނިތަކުން އުފައްދާ ރޮކެޓްތައް ތެޔޮ ސަލާމަތްކޮށް ސީދާ ރޮނގަކުން ދެކުނު ތަނޑިއަށް ދިމާއަށް ދެވޭނެއެވެ. ކުޑަ ރޮކެޓްތައް އުފައްދާ، ރާވާ އަދި ލޯންޗުކުރުމަށް ބޮޑެތި ރޮކެޓްތަކަށް ވުރެ ފަސޭހަވެފައި ވަގުތު ކުޑަވާތީ، އެކަމަށް ހާއްސަ ސްޕޭސްޕޯޓެއް ހުރުމަކީ އިންޑިއާއަށް މުހިއްމު ކަމެކެވެ. އިންޑިއާގެ އަދި ބޭރު ގައުމުތަކުގެ ކަސްޓަމަރުންނަށްވެސް ކުޑަ ސެޓަލައިޓްތައް އަގު ހެޔޮވުމުން ބޮޑަށް ކަމުދާނެ ކަމުގައި ބެލެެވެ އެވެ.