ދުނިޔެ

އިންޑިއާ ހަނދަށް، މިއަދު ހަވީރުގެ ވަގުތެއްގައި ހަނދަށް ޖައްސާނެ

އިންޑިއާ އަކީ ޖައްވީ ރޭހުގައި ހިތްވަރު ގަދަ ގައުމެކެވެ. އިތުރު އެހެން ގައުމަކަށް މާބޮޑު ބަރޯސާކުރުމެއް ނެތި، އިންޑިއާގެ ސައިންސްވެރިން ދަނީ ފޫހިކަމެއް ނެތި ހަނދަށް އުޅަނދެއް ތިރިކުރެވޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) މައުލޫމާތުދޭ ގޮތުގުން މިއަދު ހަވީރުގެ ވަގުތެއްގައި ޗަންދުރިޔާން-3 ގެ އެންމެ ނުރައްކާތެރި މަރުހަލާތައް ނިމުމަކަށް އަންނާނެ އެވެ.

އިންޑިއާއިން ފުރައިގެން 40 ދުވަސް ކަޑައްތުކުރުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައި "ލޭންޑާ" ހަނދަށް ތިރިކުރާނެ އެވެ. އަދި ކުޑަކުޑަ ރިމޯޓް އުޅަނދެއް ހަނދުގެ ފަސްގަނޑަށް ދޫކޮށްލާނެ އެވެ.

މިއާ އެކު ހަނދަށް އުޅަނދެއް ތިރިކުރި ހަތަރު ވަނަ ގައުމުގެ ގޮތުގައި އިންޑިއާގެ ނަން ތާރީޚުގައި ލިޔެވިގެން ދާނެ އެވެ.

ރަޝިއާ އާއި އެމެރިކާ އަދި ޗައިނާއިން ވަނީ ހަނދަށް އުޅަނދު ފޮނުވައި ތާރީޚު ޖަހާފަ އެވެ.

މި މަރުހަލާ ކާމިޔާބުވެއްޖެނަމަ އިންޑިއާއިން އުޅަނދެއް ހަނދަށް ފޮނުވަން މިހާތަށް ތަޖުރިބާކުރި ހުރިހާ ނާކާމިޔާބީއެއް ހަނދާންނެތިގެން ދާނެ އެވެ.

އިންޑިއާއިން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހަނދަށް އުޅަނދެއް -- "ޗަންދުރިޔާން-1" އަދި "ޗަންދުރިޔާން-2" ފޮނުވަން މަސައްކަތްކޮށް ފޭލިވެފަ އެވެ.

އިންޑިއާގެ ރިމޯޓް އުޅަނދު ހަނދުގައި ހޭދަކުރަނީ އިންސާނުން ބިމުގައި ދުވަސް ގުނާ ބީދައިން އެންމެ ދުވަހަކެވެ. އެކަމަކު އެއީ ހަނދުގެ ޒާތުގައި 14 ދުވަހެވެ.

މި ކުރު މުއްދަތުގެ ތެރޭގައި އިންޑިއާގެ ސައިންސްވެރިން ވަރަށް ގިނަ ކަންކަން ތަހުލީލުކޮށް އަދި ތަޖުރިބާކުރާނެ އެެވެ.

މީގެތެރޭގައި ހަނދުގައި އެއްވެސް ޒަމާނެއްގައި ދިޔާ ފެން ހުރިތޯ ބަލާނެ އެވެ. އަދި ހަނދުގެ ފަސްގަނޑަކީ އިންސާނުންނަށް ރައްކާތެރި ތަނެއްތޯ ވެސް ބަލާނެ އެވެ.

ހަނދުގެ ފަސްގަނޑުގައި ގޮވާންކުރުމާއި ދިގު މުއްދަތަކަށް އިންސާނުންނަށް ތިބޭނެ ގޮތެއް ވެސް އިންޑިއާގެ ސައިންސްވެރިން ވިސްނާނެ އެވެ.

އިންސާނަކު ހަނދަށް ފޮނުވަން ދުނިޔެ ކުރާ މަަސައްކަތްތަކުގައި، ޗަންދުރިއަން-3 ގެ ކާމިޔާބާ އެކު އިންޑިއާއަށް ވެސް ބައިވެރިވެވުނީ އެވެ.