ޗައިނާއާ އިންޑިއާ ދެމެދު ހުރި މައްސަލަތައް ހައްލުކުރަން ހަމައެކަނި އެމެރިކާއަށް ބަރޯސާ ކުރުން ބުއްދިވެރި ނޫން ކަމަށް އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ އެހީތެރިކަން ހޯދުމުގައި ވެސް އިންޑިއާގެ މުޅި ވިސްނުން އެމެރިކާއަށް ދޫކޮށްލުން ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަމަށެވެ.
އިންޑިއާއަށް އޮތީ އަމިއްލަ ނަފްސަށް ބަރޯސާކުރުން ކަމަށް ގޮކާލޭ ވިދާޅުވި އެވެ. އެނޫން ގޮތެއްގައި ކުރިއަރައި ގަދަބާރަކަށްވި ގައުމެއް ނުވަތަ ވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ އަމިއްލަ އިގުތިސޯދަކާއި އަމިއްލަ ސައިންޓިފިކް އަދި އީޖާދީ ގާބިލްކަން ބިނާ ކުރުމަށް ފަހު އަމިއްލަ އަސްކަރީ ގާބިލްކަން ބިނާ ކުރުން ކަމަށެވެ.
ވިޖޭ ގޮކާލޭ ދެކެވަޑައިގަންނަވާ ގޮތުގައި އަމިއްލަ ހިޔާލާއި ފިކުރު ބަންދުވާ ވަރަށް އެއްވެސް ބަޔަކަށް އިތުބާރު ކުރުމަކީ ގޯހެކެވެ. ދުނިޔޭގައި އުފައްދާފައި ހުރި އެއްބާރުލުންތަކާއި އެއްބަސްވުންތަކުގެ ތެރެއަށް ވަދެ ބޯދަމައިނުގަނެވޭ ވަރު ވުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ވިދާޅުވި އެވެ.
ގޯކާލޭ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޗައިނާއާ މުއާމަލާތް ކުރުމުގައި ނިއުދިއްލީއަށް އެމެރިކާގެ އެއްބާރުލުމަށް ބަރޯސާ ވެވިދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވުމުގެ އިތުރުން ގޯކާލޭ ވަނީ ވެރިރަށް ނިއުދިއްލީން ބެއިޖިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފަ އެވެ. އެހެންކަމުން އިންޑިއާ-ޗައިނާ ގުޅުމާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައި ހުންނާނެ އެވެ.
ގޯކާލޭ އިތުރަށް ވިދާޅުވީ އެމެރިކާއާ އެކު އޮންނަ ގުޅުމުގެ އިތުރުން ރަޝިއާ އާއި ނިއުދިއްލީ ބަދަހި ގުޅުމެއްގައި ދެމިއޮންނަން ޖެހޭ ކަމަށާއި ރަޝިއާ އަކީ ދަތި ހާލަތްތަކުގައި ނިއުދިއްލީއާ އެކު އަބަދުވެސް ދެމިއޮންނަ ގައުމެއް ކަމަށެވެ.