ދުނިޔެ

އިންޑިއާ ހަނދުގެ ދެކުނު ބިތަށް، އަމާޒަކީ ޖައްވީ ގަދަބާރަކަށްވުން

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ)ގެ ޖައްވީ ރޮކެޓް -- ޗަންދްރަޔާން-3 ޖައްވަށް ނައްޓާލައިފި އެވެ. އަމާޒަކީ ހަނދުގެ ދެކުނު ބިތަށް އުޅަނދެއް ތިރިކުރުވުމެވެ.

އިންޑިއާ އަކީ ޖައްވީ ދަތުރުތަކުގައި އަދި އެހާ ކާމިޔާބު ގައުމެއް ނޫނެވެ. އެހެންނަމަވެސް، އިންޑިއާގެ ކިބައިން ފެންނަނީ މި މަސައްކަތުގައި ފޭލިވުން އެއީ ގަބޫލުކުރާނެ އުޒުރަކަށް ނުހަދާނެކަމުގެ ވަރުގަދަ އަޒުމެވެ.

ޗަންދްރަޔާން-3 ކާމިޔާބުކަމާ އެކު ވައިކަފައި މިހާރު ވަނީ އޯބިޓަށް މިސްރާބު ޖަހާފަ އެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެން އޮތް ލަނޑުދަނޑިއަށް އެ އުޅަނދު ވަންނާނެ އެވެ.

މި ދަތުރުގައި އިސްރޯގެ މައިގަނޑު އަމާޒަކީ ހަނދަށް ރިމޯޓް އުޅަނދެއް ތިރިކުރުވުމެވެ. މި މަސައްކަތްތަކަށް އޮތް ތާރީޚަކީ އޯގަސްޓް 23 އެވެ.

މި ތާރީޚުގައި ހަނދަށް ރިމޯޓް އުޅަނދެއް ތިރިކުރެވިއްޖެނަމަ އިންޑިއާ ވާނީ ހަނދުގައި ރަސްކަންކުރާ ހަތަރުވަނަ ގައުމަށެވެ. މީގެ ކުރިން ހަނދަށް އުޅަނދެއް ފޮނި ކަމަށް ބުނާ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ.

ރަޝިއާ އަދި ޗައިނާއިން ވެސް ހަނދުގެ ނުފެންނަ ފަޅިއަށް ވަނީ އުޅަނދު ތިރިކުރުވާފަ އެވެ.

އިންޑިއާ ސަރުކާރުން ޖައްވީ ހޯދުންތަކަށް އަދި ޖައްވީ ދަތުރުފަތުރަށް އަހަންމިއްޔަތުކަން ދިނުމުގައި ދެ ބޭނުމެއް އޮތްކަން ފާހަގަކުރެވެ އެވެ.

ފުރަތަމަ ކަމަކީ ދައުލަަތެއްގެ ގޮތުގައި އިންޑިއާގެ ދިދަ ހަނދުގައި ނަގައި ގާއިމުކުރުމެވެ. ދެވަނަ ކަމަކީ ޖައްވީ ޓޫރިޒަމްގެ ތެރެއަށް އިންޑިއާ ވަދެގަތުމެވެ.

އެމެޒޯން އާއި ސްޕޭސްއެކްސް ފަދަ ޕްރައިވެޓް ކުންފުނިތަކުން ޖައްވީ ފަތުރުވެރިކަން ފަށައިގަންނައިރު މި ވިޔަފާރިން ގައުމުގެ އިގުތިސާދަށް ފައިސާ ޕަންޕްކުރުމަކީ އިންޑިއާ ވެސް ގެންގުޅޭ ވިސްނުމެވެ.

ޕްރައިވެޓް ސެކްޓަރުތަކުން އަދި ޖައްވީ ދަރުތުތައް ނުފަށަ އެވެ. އެހެންނަމަވެސް މިއީ ވަރަށް ހަލުއިކޮށް ކުރެވެމުންދާ މަޝްވަރާތަކެކެވެ.

އިންޑިއާއިން ވެސް އަދި މި މައުލޫއުގައި މާގިނަ ވާހަކަަކެއް ނުދައްކަ އެވެ. އެހެންނަމަވެސް، އިންޑިއާ އަކީ މިފަދަ ވިޔަފާރިއެއްގައި ފޭލިވާނެ ގައުމެއް ކަމަކަށް ނުބެލެވެ އެވެ.

އިސްރޯ އިން މި ފަހަރު ޖައްވަށް ފޮނުވި ޗަންދްރަޔާން-3 ގެ ދަތުރު ކާމިޔާބުވި ކަމަށް ބަލާނީ އޯގަސްޓް 23 ގައި ރިމޯޓް އުޅަނދު ހަނދަށް ތިރިކުރެވެމުންނެވެ. އެހައި ތަނަށް ނޭވާ ހިފަހައްޓާލައިގެން ތިބޭނީ އެވެ.