އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން އުޅަނދެއް ހަނދަށް ފޮނުވަން ކުރި ބުރަ މަސައްކަތްތައް ކާމިޔާބުކުރުމަށް ފަހު -- އިރާ ބެހޭ ގޮތުން ހޯދުންތަކެއް ހޯދައި ދަސްކުރުމަށް، އުޅަނދެއް ފޮނުވައިފި އެވެ.
އިންޑިއާއިން މިފަހަރު ފޮނުވީ އަދިތިޔާ-1 ނަމަކަށް ކިޔާ ރިސާޗް ސްޓޭޝަނެކެވެ. މި ރިސާޗް ސެޓެލައިޓްގެ އެހީގައި، އިރުގެ ނިޒާމު އަދި އިރާ ބެހޭ ގޮތުން މީގެ ކުރިން އިސްރޯގެ ސައިންސްވެރިންނަށް އެނގިފައި ނެތް މައުލޫމާތު ހޯދައި އަޖުމަބަލާނެ އެވެ.
މިއީ އިންޑިއާއިން ފުޅާ ދާއިރާއެއްގައި އިރާ ބެހޭ ގޮތުން ދަސްކުރުމަށް އުޅަނދެއް ފޮނުވި ފުރަތަމަ ފަހަރެވެ.
އިސްރޯގެ އަޒުމަކީ އިރުގެ ހޫނާއި އިރުން ބުރައިގެންދާ އަލިފާންކަނިތައް ދިރާސާކުރުމާއި އޭގެ ސަބަބުން ދުނިޔޭގެ ވައިގެ ފަށަލައަށް އަންނަ ބަދަލުތައް ދަސްކުރުމެވެ. އަދި އިރުގެ ނިޒާމަށް އިރުގެ ސަބަބުން އޮންނަ ނުފޫޒާ ބެހޭ ގޮތުން ވެސް އުނގެނުމެވެ.
އިރު ވަށައި ދަތުރުކުރުމަށް އިސްރޯ އިން ފޮނުވި އުޅަނދު ސައެންސްވެރިން އުންމީދުކުރާ އަމާޒަށް ފޯރުމަށް 125 ދުވަސް ނަގާނެ އެވެ. އެއީ ދުނިޔެއިން ފެށިގެން 1.5 މިލިއަން ކިލޯމީޓަރު ދުރެވެ.
އިންޑިއާގެ ޗަންދްރަޔާން-3 މިދާކަށް ދުވަހު ހަނދުގެ އޯބިޓަށް ވަދެ ރިމޯޓް އުޅަނދެއް ހަނދަށް ވައްޓާލުމާ އެކު -- ޖައްވީ ރޭހުގައި އިންޑިއާ ހަތަރުވަނަ އޮތީ ލިބިފަ އެވެ. އަދި ރަޝިއާ، އެމެރިކާ އަދި ޗައިނާއާ އެއް ސަފަކަށް އަރައި ޖައްވީ ރޭހުގައި ވާދަކުރެވޭ ފެންވަރަށް ވަނީ ގޮސްފަ އެވެ.
އިންޑިއާގެ އުޅަނދެއް ކާމިޔާބުކަމާ އެކު ހަނދަށް ފޮނުވާފައި ވާއިރު، އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކަށް ހޯދިފައި ނެތް ކާމިޔާބެއް ވަނީ އިސްރޯ އިން ހޯދާފަ އެވެ.
އިންޑިއާގެ އުޅަނދު ހަނދަށް ވައްޓާލާފައި ވަނީ މީގެ ކުރިން އެހެން އެއްވެސް ގައުމެއްގެ އުޅަނދެއް ފޮނުވާފައި ނުވާ ސަރަހައްދަކަށެވެ. މިއީ ވާދަވެރިން ވެސް ހަސަދަވެރިވާ ވަރުގެ ކާމިޔާބެކެވެ.
އިސްރޯގެ ސައެންސްވެރިންގެ ވާހަކަތަކަށް ބަލާއިރު އުންމީދަކީ އިންސާނަކު ހަނދަށް ފޮނުވުމެވެ. ވާދަވެރިންނަށް ވުރެ ކުރިން އިންޑިއާއަށް މި އަމާޒަށް ވާސިލުވެވުން ވާނީ މުޅި ސަރަހައްދަށް ވެސް ލިބޭ ބޮޑު ކާމީޔާބީއަކަށެވެ.
ނަމަވެސް، ހަނދަށް އިންސާނަކު ފޮނުވުމުގެ ކުރިން -- އިންސާނުން ހަނދުގައި ތިބުމަށް ބޭނުންވާ ޝަރުތުތައް، ހަނދުގެ އެ ހިސާބުގައި ހަމަވޭތޯ އިސްރޯ އިން ބަލާނެ އެވެ. ހަނދަށް ފޮނުވި އުޅަނދުން ލިބޭ މައުލޫމާތުން ސައެންސްވެރިން ވަރަށް ގިނަ އިލްމު ހޯދާނެ އެވެ.