ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ފެށޭ ހަފްތާ ބޭފުޅަކު އައްޔަންކުރެވޭނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުޒައިފާ މުހައްމަދު މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން މިވަގުތު ހުންނެވީ އެ ކޯޓުގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ގާޒީ -- އިބްރާހީމް މާހިރު އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއުކޮށް ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރު މި ބެލެވެނީ އަންނަ ހަފްތާގައި ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް ބޭފުޅަކު އައްޔަންކުރައްވާ ފަތްކޮޅު ދެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭގައި ހިންގާ ސުޕީރިއާ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމުވެސް މިވަގުތު އޮތީ ހުސްކޮށެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ގާޒީ އަބްދުالله އަލީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ ކަމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވީ އަހްމަދު ނިމާލް ޖުނައިދު އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ.
މާލޭގައި ހިންގާ ސުޕީރިއާ ކޯޓު ތަކުގެ އިސް ގާޒީ ކަމަށް ބޭފުޅުން އައްޔަންކުރަނީ އެ ކޯޓެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ކުރިމަތިލައްވާ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު އެ ކޮމިޝަނަށް ފެނިވަޑައިގަންނަވާ ބޭފުޅެކެވެ.