އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށް އިންވެސްޓް މޯލްޑިވްސް އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެނދުމަށްޓަކައި 2019 ވަނަ އަހަރު ބޭރުގެ ކޮންސަލްޓެންސީ ފާމަކާ އެކު ދިރާސާއެއް ކުރި ކަމަށެވެ. ދިރާސާ އިން ފާހަގަކުރެވުނު ގޮތުގައި މިފަދަ ބަނދަރެއް ހެދުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ އިހަވަންދިއްޕޮޅު ކަން އެނގިފައިވާ ކަމަށެެވެ.
"ސެވަން ޓު އެއިޓް ޑިގްރީ ޗެނަލްއާ އިހައްވަންދިއްޕޮޅު އަތޮޅާ އޮތް ގާތް ކަމާއެކު ޓްރާންޝިޕްމަންޓް ވިޔަފާރިކުރުމުގެ އެންމެ ޕޮޓެންޝަލް ހުރި ސަރަހައްދަކީ އެއީ ކަމުގައި ފާހަގަކުރެވުނު" ނުހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގައި ޓްރާންޝިޕްމަންޓް ބަނދަރުތައް މިހާރުވެސް ހަދާފައިވާތީ މިފަދަ ބަނދަރެއް ރާއްޖޭގައި ހެދުން މިހާރުވެސް މާބޮޑަށް ލަސްވެއްޖެ ކަމަށެވެ. ކޮންސަލްޓެންޓުންނާ ހަވާލާދީ ނުހާ ވިދާޅުވީ ހަމައެކަނި ޓްރާންޝިޕްމަންޓް ވިޔަފާރިއަށް އަމާޒުކޮށްގެން މިފަދަ ބަނދަރެއް ހެދުމަކީ މާލީގޮތުން ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ނުހާ ވިދާޅުވީ ކޮންސަލްޓެންސީ ރިޕޯޓް ލިބުމާއިއެކު 2019 ވަނަ އަހަރުގެ ތެރޭގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް ހުޅުވާލި ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީން ބޭނުންވާ ޝަރުތުތައް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގައި ފުރިހަމަ ނުވާ ކަމަށް ވިދާޅުވި އެވެ.
"ޓްރާންޝިޕްމަންޓްގެ އިތުރުން އެހެން ވިޔަފާރިތައް ހިމެނޭ ގޮތަށް މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ގައުމަށް ފައިދާހުރި ކަމެއް ކަމުގައި ބެލެވޭތީ އެ ސަރަހައްދުގައި އިންޓަގްރޭޓެޑް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވި އެކަމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ،" ނުހާ ވިދާޅުވި އެވެ.
ސަރުކާރުގެ ވިސްނުމަކީ ބޮޑު ޑިވެލޮޕަރެއް މެދުވެރިކޮށް އިހަވަންދިއްޕޮޅުގެ ބިން ހިއްކައި، އިންޓަގްރޭޓެޑް މަޝްރޫއެއްގެ ތެރެއިން ޓޫރިޒަމް، ރިއަލްއެސްޓެޓް، އިންޑަސްޓްރިއަލް ލޮޖިސްޓިކްސް ފަދަ ވިޔަފާރިތައް ހިމަނައި ކޮންމެ ވިޔަފާރިއެއް ތަރައްގީކުރަން ވަކިވަކި އިންވެސްޓަރުންނަށް ފުރުސަތު ދިނުން ކަމުގައިވެސް ވިދާޅުވި އެވެ.
ނުހާ ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ކުރާނީ ޑިވޮލޮޕަރުންގެ ގޮތުގައި މި ދާއިރާގައި މަސައްކަތް ކުރާ ބައެއް ކުންފުނިތަކާއި ސަރުކާރުގެ ބައިވެރިވުމާ އެކީ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދައިގެންނެވެ.
"އަޅުގަނޑުމެން މި އަހަރު ނޫނިއްޔާ މިއަންނަ އަހަރުގެ ކުރީކޮޅަށް ފިޒިކަލީ އެތަނުގައި ކޮންމެވެސް ލެވެލްއެއްގެ ރިކްލެމޭޝަން މަސައްކަތެއް ފެށުމަށް މަސައްކަތް ކުރަމުން މިދަނީ" ނުހާ ވިދާޅުވި އެވެ.
އިވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭ މަގު ތަނަވަސް ކޮށްދިނުމަކީ ދައުލަތަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ.