ޓޫރިޒަމް

ރިސޯޓުތަކުގެ އެންމެ އިސް މަގާމުތަކަށް ދިވެހިން ތަމްރީން ކުރަން ފަށަނީ

Oct 12, 2022

ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީން ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ޓޫރިޒަމް މިނިސްޓްރީއާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވައިފި އެވެ.

މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މަޝްވަރާގައި ވާހަކަދެކެވުނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިން ބިނާ ކުރުމަށް ބޭނުންވާ ހާއްސަ ދާއިރާތަކެއް ކަނޑައަޅައި އެ މަސައްކަތް ފެށުމާ ގުޅޭގޮތުންނެވެ.

މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރުވެސް ތަފާތު ކޯސްތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނު ކުރަން ހާއްސަ މަސައްކަތްތަކެއް ފެށުމަށް ބޭނުންވާ ކަމަށާއި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

"އެކައުންޓިން ސްކޮލަޝިޕްތަކެއް އަޅުގަނޑުމެން މިދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް. އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަން ބޭނުންވަނީ ކޮން ދާއިރާއަކުންތޯއާއި އެމީހުން ސެޓިފައި ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށްދޭން." މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އބްދުﷲ މައުސޫމް ވިދާޅުވީ ހަޔާ އެޑިއުކޭޝަނުން އިސްނަގައިގެން ރިސޯޓްތަކުގެ އެންމެ އިސް މަގާމުތަކަށް ދިވެހިން ތަމްރީން ކުރުމަށް މަޝްވަރާތަކެއް ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިމަސައްކަތުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށެވެ.

"ރިސޯޓު މެނޭޖްމަންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށްފަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި މަސައްކަތްކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.