އެމްޑީޕީ

އެމްޑީޕީ އިން ޒަކީއަށް ޝުކުރު އަދާކޮށްފި

Jan 15, 2016
2

އެމްޑީޕީ އިން ވަކިވެވަޑައިގަތްކަން އިއުލާން ކުރެއްވި، އެ ޕާޓީގެ ފައުންޑަރުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ހުސެން ޒަކީ އެ ޕާޓީއަށް ކޮށްދިން ހިދުމަތަށް ޓަކައި އެމްޑީޕީ އިން އޭނާއަށް ޝުކުރު އަދާ ކޮށްފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޒަކީ ސިޔާސީ މައިދާނުން ވެސް ދުރަށްވަޑައިގެން އެމްޑީޕީ އިން ވަކިވެ ވަޑައިގަތްވެފައިވާ މިދަނޑިވަޅުގައި ޒަކީ އެމްޑީޕީއަށް ޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަަމަށެވެ. އެމްޑީޕީ އިން ޒަކީ ސިފަކުރީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމެއް ގާއިމް ކުރުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

"އޮނަރަބަލް އިބްރާހިމް ޙުސެން ޒަކީ އެމް.ޑީ.ޕީއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކަށް މިޕާޓީގެ ލީޑާރޝިޕުގެ ނަމުގައާއި މިޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޒަކީ ވަނީ އެމްޑީޕީގެ ނައިބު ރައީސް ކަމާއި އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި ރައީސް ނަޝީދުވެރިކަމުގައި ޒަކީ ވަނީ ރައީސްގެ ހާއްސަ މުޝީރުކަން ވެސް ކުރައްވައިފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޒަކީ ވަނީ ޓޫރިޒަމް މިނިސްޓަރުކަމާއި ޕްލޭނިން މިނިސްޓަރުކަމާއި އެހެން ވެސް ސިޔާސީ މަގާމުތައް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ.

ޒަކީ އެމްޑީޕީ އިން ވަކިވެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވާފައި ވާތީ ޕާޓީގެ ހަރަކާތްތަކުގައި އުޅުއްވެން ނެތުމުންނެވެ. އޭނާ ވަނީ އެމްޑީޕީ އަށް ފަހި ކުރިމަގަކަށް އެދިވަޑައިގެންފަ އެވެ. އަދި މި ސަރުކާރުން ވެސް ރާއްޖެ ރަނގަޅު ދިމާލަކަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.