އެޗްޑީސީ

އެޗްޑީސީގެ ސްމާޓް ސިޓީ ކުރިއަށްދާ ގޮތް ދައްކާލައިފި

Oct 18, 2022

ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް -- ސްމާޓްކޮމްއިން ސްޓަޑީ ޓުއާއެއް ބާއްވައިފި އެވެ.

މި ޓުއާ އަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބާއްވާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވައިދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލު، ހުރަވީ ސްކޫލު، ޣާޒީ ސްކޫލު އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން ޖުމުލަ 20 ކުދިން މި ސްޓަޑީ ޓުއާގައި ބައިވެރިވި އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި ސްމާޓްކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕްރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމާއި ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނެ އެވެ.

މިޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ޕްރެޒެންޓޭޝަނެއް ދިނުމާއި، ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ދައްކާލުން ހިމެނެވެ.

މީގެ އިތުރުން ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި މި ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ބައިވެރިންނަށް ދައްކާލާފައިވެސް ވެއެވެ. އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތުގެ އަމަލީ ކަންކަން ކުދިންނަށް ދައްކާލުމުގެ ބައެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެޗްޑީސީން ކުރިއަށް ގެންދާ އެހެން މަސައްކަތްތައް ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ތައުލީމީ ދާއިރާ އަކީވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާ އަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް ކަމުގައިވެސް އެޗްޑީސީން ބުނެފައިވެ އެވެ.