ހޯމްލޭންޑް މިނިސްޓްރީގައި ބިދޭސީ މަސައްކަތްތެރިންނަށް ކޯޓާ ދޫކުރުމުގެ މަސައްކަތްކުރާ ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު މަގާމުން އެކަހެރިކޮށްފި އެވެ.
ބިދޭސީންނަށް ކޯޓާ ދޫކުރާ ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު މަގާމުން އެކަހެރިކޮށްފައިވާކަން އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ އަވަސްއަށް ކަށަވަރުކޮށްދީ އެވެ.
އޮފިޝަލް ވިދާޅުވީ ބިދޭސީން ރާއްޖެ ގެނައުމަށް ކޯޓާ ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ބަލަމުންދާ ކަމަށެވެ.
އެ ގޮތުން އުސޫލުގެ ތެރެއިން ބިދޭސީން ގެނެސް މަގުމައްޗަށް ދޫކޮށްލާފައިވާ ކުންފުނިތަކެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު މަގާމުން އެކަހެރި ކުރީ މި މައްސަލައިގެ ތަހުގީގުތަކާ ގުޅިގެންނެވެ.
މަގާމުން ސަސްޕެންޑްކުރި އިސް ބޭފުޅާގެ މައްސަލައެއް މިހާތަނަށް ކުރި ތަހުގީގުން ފާހަގަ ކުރެވިފައިނުވާ ކަމަށާއި ނަމަވެސް ތަހުގީގު ނިމެންދެން އެ މުވައްޒަފު ހުންނާނީ އެކަހެރިކޮށްފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.