މަސްތުވާތަކެތި ބޭނުންކުރުމަށާއި ގޭންގުތަކުން ބޭނުންކުރާ އައްޑާތައް ދައުލަތަށް ނަގާނެ ކަމުގެ އިންޒާރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ދެއްވައިފި އެވެ.
މިނިސްޓަރު އިހްސާން މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެޗް 9 ޓަވަރުގެ އެޕާޓްމަންޓެއްގެ ޓަވަރެއްގައި މީހަކު ރަހީނުކޮށްފައި ހުއްޓާ އެ މީހާ ސަލާމަތް ކުރަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއު އެއްގައެވެ.
އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު ކުށްތަކުގެ ހާލަތު އޮތީ އިންތިހާއަށް ގޯސްވެފައި ކަމަށެވެ. މިފަދަ ޖިނާއީ ބޮޑެތި ކުށްތަކަށް ދާއިމީ ހައްލެއް ހޯދައިދީ ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒު އެންމެ އިސްކަންދެއްވާ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގޭންގު ކުށްތަކާއި މަސްތުވާތަކެތީ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގޭންގު ކުށްތަކާ ގުޅޭ ގާނޫނާއި، މަސްތުވާތަކެތީގެ ގާނޫނާއި އެހެންވެސް ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށެވެ. ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ފުލުހުންގެ އިދާރާގައި ހާއްސަ ޔުނިޓްތަކެއް ހަދައިގެން ކާމިޔާބު މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ބައެއް ފްލެޓްތަކާއި އަދި އެހެން ބައެއް ތަންތަނަކީ ކުށްކުރާ މީހުން ތަކުރާރުކޮށް ބޭނުންކުރާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހުޅުމާލޭގައި ހުރި ފްލެޓްތަކުގައި ކުށްކުރާނަމަ އެޗްޑީސީއާ ވާހަކަދައްކައިގެން އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ކުށްކުރުމުގެ ވެއްޓެއްގެ ގޮތުގައި އެފަދަ ހައުސިން ޔުނިޓެއް ކުށްކުރުމުގެ މާހައުލަށް ހުޅުވާލާފައި އޮންނަނަމަ އެތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތެއް ހޯދާނަން. އެއީ ގޭންގު ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެއް އިސްލާހު. ހަމައޮގޮތަށް މަސްތުވާތަކެތީގެ ގާނޫނަށް ގެންނަ އިސްލާހުގައިވެސް އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދަޢުލަތަށް ނެގުމަކީ އަމާޒު،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ މީހަކު ރަހީނުކުރާ ހިސާބަށް ގެންދިއުމަކީ ޖިނާއީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށެވެ. އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅައި ހައްގު އަދަބު ދެއްވާނެ ކަމަށާއި އެފަދަ އަމަލުކުރާ މީހުން އެފަދަ ކަންކަމުން ދުރުވުމަށްވެސް އެދިވަޑައިގެންނެވި އެވެ.
ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ގޭންގުތައް ހަދައިގެން ކުށްކުރަމުންދާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން މިކަންކަން ހުއްޓާލަން. ކުދިންގެ މުސްތަގުބަލް ހަލާކުނުކޮށް މިފަދަ ކަންކަމުގެ ތެރެއަށް ނުވަދެ ޖަލުތަކުގެ ތޭރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ޒުވާނުންގެ ގޮތުގައި މިކަމުން ނެއްޓިގެން އަވަހަށް ހެޔޮ މަގަށް އެޅުމަށް ނަސޭހަތްތެރިވަން،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ގާނޫނުތައް މިހާރު ހުރި ގޮތުން ބޮޑެތި ކުށްތައް ކުރާ މީހުންގެ މައްސަލަތައް ސާބިތުކޮށް އެމީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތަށް ހުރި ގާނޫނުތައް ބަލައި އިސްލާހުކޮށް، ތަކުރާރުކޮށް ކުށްކުރާ މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ ގޮތެއް އިދާރާތަކަށް ހޯދައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ކުށްކުރާ މީހުންނަށް ގާނޫނުގެ ތެރެއިން ސަލާމަތްވެވެން ހުރި ބަންދުކޮށް ހަރުކަށި ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުން ގާނޫނަށް މި ހުށަހަޅާ އިސްލާހުތައް ވުޖޫދުވެ އަމަލީ ސިފަ އަންނަ ދުވަސް. އެއީ އެންމެ ބޮޑު ފިޔަވަޅަށް ވާނެ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ފުލުހުން 24 ގަޑިއިރު ހިދުމަތުގައި ދެމިތިބޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަަހައްދަކީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަކަށް ވާތީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ކެމެރާ ހަރުކޮށް އެ ސަރަހައްދު މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ފުލުހުންނަށް ބާރުތަކެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހިޔާ ފްލެޓްގެ އެޕާޓްމަންޓްގައި ރަހީނުކުރި މީހާ ސަލާމަތް ކުރުމަށް ފުލުހުން ރޭ ހިންގީ ޕްރޮފެޝަނަލް އަދި ކާމިޔާބު އޮޕަރޭޝަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުލުހުންގެ މަސައްކަތަށް މިނިސްޓަރު ވަނީ ތައުރީފްވެސް ކުރައްވާފަ އެވެ.