މިނިސްޓަރު އަލީ އިހުސާން

ކުށްތަކަށް ހުށަހެޅިފައިވާ 400 އެއްހާ ކުދިން!

ރާއްޖޭގައި ތިބި ކުޑަކުދިންގެ ތެރެެއިން ކުށްތަކަށް ހުށަހެޅިފައިވާ 400 އެއްހާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އެކުދިންނަށް އެހީތެރިވެ އަޅާލަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ -- 241 ކޮމިޓީއަށް މިއަދު ހާޒިރުވެ ދެއްކެވި ވާހަކަފުޅުގައެވެ.

އިހްސާން ވިދާޅުވީ ގޭންގުތަކާ ގުޅުން އޮންނަ 400 އެއްހާ ކުދިން އެބަތިބި ކަމަށާއި، އެކުދިންނަށް އަޅާލަންޖެހޭ ކަމަށެވެ. މިކަން އެނގިފައިވަނީ މިނިސްޓްރީން އެންމެ ފަހުން ހެދި ކަމާ ގުޅޭ އެސެސްމަންޓެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.

މި މައްސަލަަ ދާއިމީ ގޮތުން ހައްލު ކުރެވޭނީ ރާއްޖޭގެ ގާނޫނުތައް އިސްލާހުކޮށް، ފުލުހުންނަށް އިތުރު ބާރުތަކެއް ދީގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ގޭންގުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މައިގަނޑު ދެކަމަކީ ގޭންގުތަކަށް ފައިސާ ލިބޭ މަގުތައް ބަންދުކުރުމާއި ގޭންގުތަކަށް މީހުން ނެގުމުގައި ހަރަކާތްތެރިވާ ކުދިން ހުއްޓުވުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެފަދަ ކުދިން އިސްލާހު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ މުއްދަތު ކުރުވުމުގެ ސަބަބުން އެ ކުދިން އަނބުރާ ކުށްކުރުމުގެ ތެރެއަށް ބައެއް ފަހަރުދާ ކަމަށެވެ.

ގޭންގުތަކާއި ގުޅުން ބާއްވާ ކުޑަކުދިން ރީހެބިލިޓޭޓް ކުރުމަށް "ހޯޕް އައިލެންޑް" ކިޔާ ހާއްސަ ރަށެއް ހެދުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފ އެވެ. އެ ރަށުގައި މަސައްކަތް ކުދިން ގެންގުޅޭގޮތުގެ ކޮންމެވެސް ވަރެއްގެ މައުލޫމާތުތަކެއްވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފަ އެވެ.

"އެރަށުގައި އެކުދިން ތިބޭނީ 18 އަހަރު ވަންދެން. އެ ކުދިން އެ ރަށުގައި ތިބޭ ތިބުމުގައި އާއިލާއާ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކަށް އަޅުގަނޑުމެން އެ ރަށް ބައްޓަންވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހްސާން އިތުރަށް ވިދާޅުވީ ކުށްކުރާ ކުދިން އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ރިވިއުކޮށް އަލުން އެފަދަ ޕްރޮގްރާމުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މުޖުތަމައަށް ދޫކޮށްލާނީ 18 އަހަރު ފުރުމުން އެސެސްމެންޓް ހެދުމަށްފަހު ހާއްސަ މޮނިޓަރިން މެކޭނިޒަމެއްގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ. އެސެސްމަންޓުން ފާސް ނުވާ ކުދިން ދެން ރެކްރޫޓު ކުރެވޭނީ ފުލުހުން ނުވަތަ ސިފައިންގެއަށް ކަމަށްވެސް ވިދާޅުވި އެވެ.