ދުނިޔެ

ރަޝިއާއިން ޔޫރޭނިއަމް ގަތުން އެމެރިކާއިން ހުއްޓާލަނީ

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން -- ރަޝިއާއަށް ދަތިކުރަން އެމެރިކާއާ ބައިވެރިން ކުރަމުން އަންނަ މަސައްކަތްތަކުގައި -- ރަޝިއާއިން ޔޫރޭނިއަމް ގަތުން އެމެރިކާއިން ހުއްޓާލަނީ އެވެ.

އެމެރިކާގެ ރައީސަށް ލިބިވަޑައިގަންނަވާ ރިޔާސީ ބާރުތައް ބޭނުންކުރައްވައި، ރައީސް ޖޯ ބައިޑަން މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއަށް ދަތިކުރުމަށްޓަކައި، ގާނޫނު ހަދާ މަޖިލީހުން، ޖޯ ބައިޑަންގެ ސަރުކާރުގެ މި ބިލަށް ރުހުން ދޭނެ އެވެ. އަދި ސަރުކާރުން ހުށަހެޅި ގޮތަށް ބިލް ފާސްކުރާނެ އެވެ.

ރަޝިއާއިން އެމެރިކާއަށް ޔޫރޭނިއަމް އެތެރެކުރުމުގައި އެނގެން ޖެހޭ ބައެއް ނުކުތާތަކުގެ ތެރޭގައި، ރަޝިއާ އަތުން އެމެރިކާ މިހާރު ވެސް ޔޫރޭނިއަމް ގަންނަކަން އެނގެންޖެހެ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުންވެސް އެމެެރިކާ އިން ވަނީ ރަޝިއާ އަތުން ޔޫރޭނިއަމް ގަނެފަ އެވެ. ހަބަރުތައް ބުނާ ގޮތުން ފާއިތުވި 2023 ވަނަ އަހަރު އެމެރިކާ ވަނީ ރަޝިއާ އަތުން، މީގެ ކުރިން ދުވަހަކު ވެސް ނުގަންނަ ވަރަށް ޔޫރޭނިއަމް ގަނެފަ އެވެ.

ޔޫރޭނިއަމް އަކީ ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. އެމެރިކާގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގޭ ވަރަށް އެމެރިކާއަށް ޔޫރޭނިއަމް ނުއުފެއްދެ އެވެ. މިހެން ކަން އޮތުމުން ރަޝިއާއިން ޔޫރޭނިއަމް ނުގަނެ ފުއްދޭނެ ގޮތެއް އެމެރިކާގެ ކިބައިގައި އަދި ނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއަށް ބޭނުންވާ ޔޫރޭނިއަމްގެ 25 ޕަސެންޓް ގަންނަނީ ރަޝިއާއިންނެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި ރަޝިއާ އަތުން ޔުރޭނިއަމް ނުގަނެ އެމެރިކާއަށް ނިއުކްލިއާ ޕަވާ ޕްލާންޓްތައް އަދި ނުހިންގޭނެ އެެވެ. ކުރިއަށް އޮތް ފަސް އަހަރަށް ބޭނުންވާ ވަރަށް ޔޫރޭނިއަމް ގުދަންކޮށްގެން ނޫން ގޮތަކަށް ރަޝިއާ ބާކީކުރުމަކީ އެމެރިކާއަށް ކުޅަދާނެ ކަމަކަށް ނުވާނެ ކަމަށްވެސް މާހިރުން ވިދާޅުވެ އެވެ.

ރަޝިއާ ނުވަތަ އިތުރު އެހެން ގައުމަކަށް ކަމުނުކިޔައި، އެމެރިކާއަށް ބޭނުންވާ ވަރަށް ޔޫރޭނިއަމް މުއްސަނދިކުރާނެ ވަސީލަތްތައް އެމެރިކާގައި ގާއިމުކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ. އަދި ފަސް އަހަރު ތެރޭގައި ވެސް އެކަން ވާން އޮތީ ވަރަށް ބިޔަ އިންވެސްޓްމަންޓަކުން ކަމަށްވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ރަޝިއާއިން ޔޫރޭނިއަމް ގަތުން ހުއްޓާލުމަކުން ރަޝިއާއަށް ދިގުދެމިގެން ދާ ގޮތުގައި މާބޮޑު ގެއްލުމެއް ނުލިބޭނެ އެވެ. ރަޝިއާއިން މިހާރު ވެސް ދަނީ އީރާން އަދި ބަންގުލަދޭޝްގައި ވެސް ނިއުކްލިއާ ރިއެކްޓަރުތައް ގާއިމުކޮށްދެމުންނެވެ.

އިންޑިއާ އަދި ތުރުކީގައި ވެސް ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމުގެ ރޭވުންތައް މިހާރުވެސް އޮތީ ފަހު މަރުހަލާގަ އެވެ.