އިންޑިއާއިން ރަޝިއާގެ އެސް-400 މިސައިލް ސިސްޓަމް ގަންނަން ކުރާ މަސައްކަތްތަކާ މެދު އެމެރިކާ ހިތްހަމައެއް ނުޖެހެ އެވެ. މިއީ ވޮޝިންގްޓަނާ ނިއު ދިއްލީއާ ދެމެދު އުފެދިފައި އޮތް ކަށިތޫނު މައުލޫއެކެވެ. އެމެރިކާއިން އިންޑިއާއަށް ހަނދާންކޮށް ދެނީ ރަޝިއާއާ ދުރުހެލިވުމަށެވެ. އަދި މިސައިލް ސިސްޓަމް ގަނެފި ނަމަ ކޮށްދެވޭނެ އިތުރު ކަމެއް ނެތް ކަމަށާއި އިގުތިސޯދީ ގޮތުން ދަތި ކުރުމަކީ ވެސް ކިތަންމެ ގާތް ނަމަވެސް އޮތް ފިޔަވަޅެއް ކަމަށެވެ.
އިންޑިއާގައި ވެރިކަންކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ސީނިއާ މެމްބަރު، ސުބްރަމާނިއަން ސްވާމީ ޓްވީޓާގައި ވިދާޅުވެފައިވާ ޖުމުލައިން މި މަންޒަރު ވަރަށް ރީތިކޮށް ސިފަކުރެވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ އިންޑިއާއިން އެސް400 މަރުކާގެ ދިފާއީ ނިޒާމް ރަޝިއާއިން ގަނެފި ނަމަ ނަތީޖާއަކަށް ވާނީ އެމެރިކާއިން އިންޑިއާ ކުއަޑްއިން ބޭރު ކޮށްލުން ކަމަށެވެ.
ކްއަޑް އަކީ ހަތަރު ގައުމު ހިމެނޭ ކުޑަކުޑަ ޖަމާއަތެކެވެ. އެއީ އެމެރިކާ އާއި އޮސްޓްރޭލިއާ އާއި ޖަޕާން އަދި އިންޑިއާ އެވެ. މިއީ ނޭޓޯ ގައުމުތަކޭ ކިޔާ ގޮތަށް އަދި ނޭޓޯ ޖަމާއަތޭ ކިޔާ ގޮތަށް ލިޔެކިއުންތަކުގައި މިނަން ތަކުރާރުކުރެވި އާންމުވާން އެދޭ ނަމެވެ. ކުއަޑް ޖަމާއަތް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުން ޗައިނާގެ ބާރުކަނޑުވާލުމެވެ.
އިންޑިއާއާ އެމެރިކާގެ ގުޅުން ބަދަހިކޮށް ގާތްވަމުން އަންނައިރު އެމެރިކާއިން އަންނަނީ އިންޑިއާއަށް ވަކި ގޮތެއް ނިންމަން ދަތި މައުލޫތަކަށް ކޮޅުއެއްލަމުންނެވެ. އިންޑިއާއަށް ދާދި ފަހުން ވަޑައިގެންނެވި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ވަނީ އެސް400 މިސައިލް ސިސްޓަމްއާ ގުޅުވައި އިންޑިއާއަށް ހިންދިރުވާލަން ދަތިވާވަރު ކުރައްވާފަ އެވެ.
ވިދާޅުވީ ތުރުކީއަކީ ވެސް ނޭޓޯގެ ބައިވެރިއެއް ކަމަށާއި ރަޝިއާއިން އެސް400 ގަނެފައިވާތީ އޮންނާނީ ދަތިކުރުމުގެ ފިޔަފަޅު އަޅާފައި ކަމަށެވެ. އިންޑިއާއަށް އަދި މިސިސްޓަމް ލިބިފައި ނުވާއިރު މިހާރުއްސުރެ ދުރުހެލިވުމަކީ އެމެރިކާއިން އަޅާ ފިޔަވަރުތަކުން އިންޑިއާއަށް ރެކެވިދާނެ ކަމެއް ކަމަށެވެ.
އިންޑިއާގެ ދިފާއަށް އެސް400 އަކީ މުހިންމު ނިޒާމެެކެވެ. ޗައިނާ އަދި ތުރުކީގައި މި ސިސްޓަމް ގާއިމުކޮށްފައި ހުރިއިރު މިފެންވަރުގެ ނުވަތަ މިއަށް ވުރެ ބާރުގަދަ ސިސްޓަމެއް ލިބިގެން ނޫން ގޮތަކަށް އެސް400 ދޫކޮށްލުން އިންޑިއާއަށް ދަތި ކަމަކަށް ވާނެ އެވެ.
އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް ހުންނެވިއިރު އީރާނުން ތެޔޮ ނުގަތުމަށް ނުވަތަ އަދަދު މަދު ކުރުމަށް ބާރުއެޅުއްވި އެވެ. ބައިޑަން ސަރުކާރުން މިހާރު އިންޑިއާށް ޕްރެޝާ ކުރައްވަނީ ރަޝިއާއާ ދުރަށްޖެހުމަށެވެ. އެހެން ނަމަވެސް، އިންޑިއާއިން އަބަދު ވެސް ބުނަމުން އަންނަނީ ޚާރިޖީ ގުޅުން ދަމަހައްޓާނެ ގޮތެއް އިންޑިއާއަށް އެހެން ބަޔަކު ކިޔައިދޭނެ ކަމެއް ނެތް ކަމަށެވެ. އެކަމުގައި ގޮތެއް ނިންމާނީ އިންޑިއާއިން މަސްލަހަތަށް ބަލައި އަމިއްލަ މިނިވަންކަމުގައި ކަމަށެވެ.
އިންޑިއާއިން އެސް-400 މަރުކާގެ ދިފާއީ ނިޒާމް ގަތުމަށް 2019 ގައި ރަޝިއާއަށް 800 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ރޮއިޓާސް ބުނެ އެވެ. އަދި ފުރަތަމަ ޝިޕްމަންޓް މިއަހަރު ފަހުކޮޅު އިންޑިއާއަށް ލިބޭނެ ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ.