ޕެންޓަގަން

ތުރުކީން ރަޝިއާގެ ޑިފެންސް ސިސްޓަމް ދޫކޮށްލަން ޕެންޓަގަން އާދޭސްކުރަނީ

ރަޝިއާއިން އުފައްދާ އެއާ މިސައިލް ޑިފެންސް ސިސްޓަމް، އެސް400 ބޭނުން ކުރަން އެދޭ ގައުމުތައް ގިނަވަމުން އަންނާތީ އެމެރިކާއަށް ބޮލު ރިހުން ބޮޑުވެއްޖެ އެވެ. ޗައިނާ އާއި ތުރުކީ، އިންޑިއާ އަދި ޕާކިސްތާނުން ވެސް އެސް400 އަށް ޝައުގުވެރިވެ އެވެ. ބާރުގަދަ ޗައިނާ އަދި ތުރުކީގައި މި ސިސްޓަމް މިހާރު ވެސް ހުރީ ބަހައްޓާފަ އެވެ.

ރަޝިއާގެ އެސް400 އާ މެދު އެމެރިކާއަށް އޮތް ބިރަކީ އެމީހުންގެ ޒަމާނީ ބޯޓުތައް ދެނެގަނެވުމެވެ. އެއީ އެމެރިކާއިން އުފައްދާ ޑިފެންސް ސިސްޓަމަށް ވުރެ ބާރުގަަދަ ނިޒާމެއް ކަމަށް ބުނާ ބުނުމާ ހެދި ޕެންޓަގަން އުޅެނީ ހަމަ ނޭވާނުލެވިގެނެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އަދި ދިފާއީ އޮފިޝަލުން ގައުމުތަކަށް ގޮވާލަނީ ރަޝިއާގެ އެސް400 ބޭނުން ނުކުރުމަށެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިންޑިއާއަށް ވަޑައިގެން ވެސް އެވާހަކަ ތަކުރާރު ކުރައްވާފައިވެ އެވެ.

ލޮއިޑް އޮސްޓިން ތުރުކީގެ ޑިފެންސް މިނިސްޓަރަށް ފޯނުން ގުޅުއްވައި ވެސް ރަޝިއާގެ އެސް400 އިތުރަށް ނުގަތުމަށް އެދިވަޑައިގަތެވެ. އެހެން ނަމަވެސް، ތުރުކީން އެކަމާ މާބޮޑަށް އަޅާލާނެ ކަމަކަށް ނުބެލެވެ އެވެ.

ތުރުކީން މީގެ ކުރިން ބުނީ އެސް400 ބޭނުން ކުރަނީ ގައުމީ ދިފާއަށްޓަކައި ކަމަށާއި އެކަމުގައި އެމެރިކާ ރުހޯތޯ ނުބަލާނެ ކަމަށެވެ. އަދި އިތުރު އެސް400 ސެޓެއް ގަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ތުރުކީން އެސް400 ގަތުމާ ގުޅިން އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުއަޅާފަ އެވެ. އަދި ބުނީ ތުރުކީއަށް ކުރިން ވިއްކަން ހަމަޖެއްސި އެފް35 މަރުކާގެ ފައިޓަ ޖެޓްތައް ދެން ނުވިއްކާނެ ކަމަށެވެ.