ދުނިޔެ

އެމެރިކާއިން އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ

ރަޝިއާގައި އުފައްދާ އެސް400 މިސައިލް ޑިފެންސް ސިސްޓަމް އިންޑިއާއިން ގަނެފި ނަމަ ކިތަންމެ ގާތަސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާ އޮތީ ބުނެފަ އެވެ.

އިންޑިއާއިން ރަޝިއާ އާއި އެކު އޮކްޓޯބަރު 2018 ގައި 5.43 ބިލިއަން ޑޮލަރުގެ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

މި އެއްބަސްވުމުގެ މައިގަނޑަކީ އަދި އެންމެ ނުރައްކާތެރި ހަތިޔާރަކީ މިސައިލުން ދިފާއުކޮށްދޭ އެސް400 ނިޒާމެވެ. މިއީ އެމެރިކާއިން ވަރަށް ބޮޑަށް ޖެހިލުންވާ ނިޒާމެކެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މިއަހަރު މާޗުގައި އިންޑިއާއަށް ވަޑައިގެން އެސް400އާ ބެހޭ ގޮތުން އިންޑިއާއަށް އޮތީ ވިސްނައިދީފަ އެވެ. އޭނާ ވިދާޅުވީ ތުރުކީ އަކީ ވެސް ނޭޓޯ ގައުމެއް ކަމަށާއި އެކުވެރިއެއް ކަމަށެވެ. އެކަމަކު ވެސް ތުރުކީ ހިނގަން އިޚުތިޔާރުކުރި މަގެއްގެ ސަބަބުން – ރަޝިއާއިން އެސް400 ގަތުމުގެ ސަބަބުން ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއަށް އަޅަން ޖެހުނީ އެވެ.

އިންޑިއާ އަކީ ވެސް ނުހަނު ގާތް އެކުވެރި ގައުމެއް ނަމަވެސް ތުރުކީން ހިނގި މަގު އިޚްތިޔާރުކޮށްފި ނަމަ އެމެރިކާއަށް ކޮށްދެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށް ލޮއިޑް އޮސްޓިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާ އިން އަސްކަރީ އެހީތެރިކަން ހޯދާ ނަމަ އިންޑިއާ އަށް ވެސް އޮތީ ދަތިކުރުމުގެ ފިޔަވަޅުތައް ތަރުޖިބާކުރުން ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި އޮފިޝަލަކާ ހަވާލާދީ ޚަބަރުތަކުން ބުނާ ގޮތުން އިންޑިއާ އޮތީ އެސް400 ދޫކޮށްލާ ގޮތަކަށް ނޫނެވެ. އިންޑިއާއިން ގަބޫލުކުރަނީ ޗައިނާއާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި އެސް400 ކަހަލަ ގާބިލު ނިޒާމެއް އިންޑިއާގައި ހުންނަން ޖެހޭ ކަމަށެވެ.

އިންޑިއާ އަކީ މި ސަރަހައްދުގައި ގަދަފަދަ ބާރެކެވެ. އިންޑިއާއަށް އަރާ ހަމަލާއަކީ މުޅި ސަރަހައްދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެެވެ. އެހެންކަމުން އިންޑިއާއަށް ވެސް ގައުމު ދިފާއުކުރުމުގެ ހައްގު އޮންނަން ޖެހެ އެވެ.

އިންޑިއާއިން އޯޑަރުކުރި އެސް400ގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު ނޮވެމްބަރުގައި ރަޝިއާއިން ފޯރުކޮށްދޭ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.