ދުނިޔެ

ތުރުކީން އެސް400 ގަތުމަކީ ރަނގަޅު ނިންމުމެއް: ރަޝިއާ

ރަޝިއާގައި އުފައްދާ އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމް، އެސް400 ތުރުކީގައި ބަހައްޓަން އެ ގައުމުގެ ސަރުކާރުން ވިސްނައި ނިންމާފައި ވަނީ ވަރަށް ހަރުދާނާ އަދި ހިތްހަމަޖެހޭ ނިންމުމެއް ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާއިން ބުނީ ތުރުކީ އިޚްތިޔާރުކުރި ގޮތުން އަސްކަރީ އަދި ދިފާއީ އެކުރެވެރިކަން އިހުނަށް ވުރެ ބަދަހިވެގެން ދާނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ޔޫރަޕިއަން ޑިޕާޓްމަންޓްގެ ޑައިރެކްޓަރު، ޔޫރީ ޕިލިޕްސަން ވިދާޅުވީ ރަޝިއާއާ ތުރުކީން އަބަދުވެސް ވިސްނަނީ ދެގައުމުގެ ފައިދާއަށް ކަމަށާއި ދިފާއީ ގޮތުން ބާރުވެރިވުމުގައި ވެސް ތުރުކީއާއެކު ދާއިރާ ފުޅާކުރެވޭނެ ކަމަށެވެ.

ތުރުކީގައި އެސް400 ބެހެއްޓުމަކީ ހުޅަނގަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. އެމެރިކާއިން އެދެނީ އެސް400 ދޫކޮށްލުމަށް ފަހު އެމެރިކާގެ އެހީތެރިކަން ހޯދާށެވެ. ތުރުކީން ރަޝިއާއާ މާބޮޑަށް ކައިރިވެ ދިފާއީ ވަސީލަތްތައް ލިބިގަންނަ ކަމަށް ވާނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކޮށް ގުޅުން ކަނޑަލާނެ ކަމަށް ބުނެ އެމެރިކާއިން ކުރިން އިންޒާރު ވެސް ދިނެވެ.

ޕިލިޕްސަން ވިދާޅުވި ގޮތުން އެސް400ގެ ދެވަނަ ސިސްޓަމެއް ތުރުކީއަށް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ތުރުކީއަށް ދެވަނަ ޝިޕްމަންޓެއް ފޮނުވާ ތާރިޚާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ މާބޮޑަށް އަވަސްއަރުވާލައިގެން ހަރުދަނާ ކަމެއް ނުކުރެވޭނެ ކަމަށެވެ.

ތުރިކީން ހުޅަނގަށް ގޮތްދޫނުކޮށް އެސް400 ބަހައްޓާފައި ވަނީ އަޅާފާނެ ފިޔަވަޅަކަށް މައްސަލައެއް ނެތް ކަމަށް ބަލައިގެންނެވެ. އެމެރިކާއިން އާދޭސްކުރުމުން ވެސް ތުރުކީން ގޮތް ދޫކޮފައެއް ނުވެ އެވެ.