ދުނިޔެ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އިންޑިއާގައި

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިންޑިއާއަށް ކުރައްވާ ދެ ދުވަހު ދަތުރުފުޅެއްގައި އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް ވިދާޅުވީ އިންޑިއާ – އެމެރިކާގެ ގުޅުން ބަދަހިވުމަކީ ނުހަނު ބޮޑު އުންމީދެއް ކަމަށާއި ވިސްނުންފުޅަކީ ގާތް ބައިވެރިންގެ ގޮތުގައި ތަރީޚުން ވެސް ފެންނަން އޮތުން ކަމަށެވެ.

އިންޑިއާގެ ކިބައިން ލޮއިޑް އޮސްޓިން އެދިވަޑައިގަތީ ރަޝިއާއާ ދުރުހެލިވުމަށާއި އެސް-400 މަރުކާގެ ދިފާއީ ނިޒާމް ރަޝިއާއިން ނުގަތުމަށެވެ. އެއީ އެމެރިކާގެ ބައިވެރިއެއް ގޮތުގައި އޮތުމަށް އިންޑިއާއާށް ކޮށްދެވިދާނެ ކަމެއް ކަމަށާއި އެނޫން ގޮތެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އެބަ ހުރި ކަމަށެވެ. ރޮއިޓާސްއިން ބުނީ މިކަމާ ގުޅޭ ގޮތުން ދެގައުމުން މަޝްވަރާކުރެއްވި ކަމަށެވެ.

ރިޕޯޓަރުންނާ ވާހަކަދައްކަވަމުން އޮސްޓިން ވިދާޅުވީ ރަޝިއާގެ ޑިފެންސް ސިސްޓަމެއް އަދި އިންޑިއާއަށް ނުލިބޭ ކަމަށެވެ. އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ތުރުކިއަކީ ނޭޓޯ ބައިވެރިއެއް ކަމަށާއި އެކަމަކު ދަތިކުރުމުގެ ފިޔަވަޅުއަޅަން ޖެހުނީ 2017 ގައި ރަޝިއާއިން ދިފާއީ ނިޒާމް ގަތުމުން ކަމަށެވެ.

ވޮޝިންގްޓަނުން ރަޝިއާގެ އެސް-400 މަރުކާގެ ޑިފެންސް ސިސްޓަމް ދެކެ ބިރުގަންނަނީ އެމެރިކާގެ އެފް-35 މަރުކާގެ ފައިޓާ ޖެޓްތަކާ ގުޅުން ހުރި މައުލޫމާތު ހޯދަފާނެތީ އެވެ. އަދި އެއީ އެފް-35 ބޯޓްތައް ވައްޓާލެވޭ ވަރުގެ ސިސްޓަމަކަށް ވެދާނެތީ އެވެ. އަނެއްކޮޅުން އެމެރިކާގެ "ޓާމިނަލް ހައި އަލްޓިޓިއުޑް އޭރިއާ ޑިފެންސް" ސިސްޓަމަށް ވުރެ ރަޝިއާ ބާރުގަދަވެދާނެ ކަމަށް ހީވުމަކީ ވެސް އެމެރިކާއަށް އޮތް ރިހުމެކެވެ.

އިންޑިއާއިން އެސް-400 ގަތުމަށް 2019 ގައި ރަޝިއާއަށް 800 މިލިއަން ދައްކާފައިވާ ކަމަށް ރޮއިޓާސް ބުނެ އެވެ. އަދި ފުރަތަމަ ޝިޕްމަންޓް މިއަހަރު ފަހުކޮޅު އިންޑިއާއަށް ލިބޭނެ ކަމަށް ވެސް ރޮއިޓާސް ބުނެ އެވެ.