އާއިލާއަށް ފިލައިގެން އުޅުނު ލޯބިވެރިން ކަމަށް ބުނާ ދެ ކުޑަކުދިން ހޯދައި އާއިލާއާ ހަވާލުކޮށްފި އެވެ.
މި ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާއަކީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. އަންހެން ކުއްޖާ އަކީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ.
މި ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ އަކީ މ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ.
ރަށުން ލޯންޗެއް ވަގަށް ނަގައިގެން އޭނާ ހުޅުމާލެ އައީ ލޯބިވެރިޔާއަށް އާއިލާގެ ފަރާތުން އަނިޔާ ލިބޭ ކަމަށް ބުނެ އެ ކުއްޖާ ސަލާމަތް ކުރުމަށް އެކަނި މާއެކަނި ދުއްވާފަ އެވެ.
ލޯންޗުގައި ދަތުރުކުރީ 14 އަހަރުގެ ފިރިހެން ކުއްޖަކު އެކަނި ކަމަށް ފުލުހުންވެސް ޔަގީންކޮށްދެ އެވެ.
ފިރިހެން ކުއްޖާ އިއްޔެ ފަތިހު ހުޅުމާލެ އައުމާ އެކީ އަންހެން ކުއްޖާ ވެސް އަދި ފިރިހެން ކުއްޖާވެސް ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރުމުން ކަމާ ގުޅޭ އިދާރާތަކުން އިއްޔެ އާއި ރޭ ކުރި މަސައްކަތުން މި ދެ ކުދިން ވަނީ ހޯދާފަ އެވެ.
ސީދާ މި ދެ ކުދިން ކަމަށް ނުބުނެ ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ދެ ކުދިންވެސް ހޯދާފައިވާ ކަމަށާއި އެ ކުދިންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ދެ ކުދިންގެ ގެއްލުމާ ގުޅޭ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.