ފެލިވަރު

ފެލިވަރު ބިން ހިއްކުމުގެ މަޝްރޫއުގެ 51 ޕަސަންޓް މަސައްކަތް ނިމިއްޖެ

މިފްކޯގެ މަސް ފެކްޓްރީ ހިންގާ ޅ. ފެލިވަރުގެ ބިން ހިއްކުމުގެ މަަޝްރޫއުގެ 52 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވެސް ނިމި ރިވެޓްމެންޓް މަސައްކަތުގެ 93 ޕަސަންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ޝީޓް ޕައިލިންގެ މަސައްކަތެވެ.

މި މަޝްރޫގެ ދަށުން ހަ ހެކްޓަރުގެ ބިން ހިއްކާ 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ އެވެ.

ފެލިވަރުން ހިއްކާ ބިމުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކޮށް 8.5 މީޓަރުގެ ފުން އަދި 90 މީޓަރުގެ ބޮޑު ޖެޓީއެއް ގާއިމުކުރާނެ އެވެ. މި ބަނދަރު ހަދަނީ 3،500 ޓަނުގެ ބޮޑެތި އާގު ބޯޓު ފަހަރުތައް ވެސް ކައިރިކުރެވޭ ގޮތަށެވެ.

މީގެ އިތުރުން މަސް ކިރަން ވަންނަ ބޯޓުތަކަށް ވަދެވޭ ގޮތަށް 750 ފޫޓުގެ ދިގު އަދި 5.5 މީޓަރުގެ ފުން ބަނދަރަކާއި މިފްކޯގެ އާންމު ބޭނުންތަކަށް 1،100 ފޫޓު، 3.5 މީޓަރުގެ ފުން ބަނދަރެއް ހަދާނެ އެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު ހިލައިން ތޮށި ލައި ޝީޓްޕައިލް ޖަހައި ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން ވެސް ކުރިއަށް ދާނެ އެވެ.

ފެލިވަރުގެ ބިން ހިއްކުމުގެ މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖެނުއަރީ 20 ގައެވެ. މި މަޝްރޫގެ އަގަކީ 113.3 މިލިއަން ރުފިޔާ އެވެ. ފެލިވަރުގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނި މިދިޔަ އަހަރުގެ މާޗް 13 ގައެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އީއައިއޭ ހެދުމާއި އެހެނިހެން ކަންކަމާ ހުރެ މަޝްރޫއު ދިގުލައިގެން ދިޔައީ ކަމަށް އެމްޓީސީސީން ބުނެ އެވެ.