ރައްޔިތުންގެ މަޖިލިސް

ސަރަަހައްދީ އިމުގެ މައްސަލައިގައި ބޮޑެތި ކަންބޮޑުވުންތަކެއް

ދި ވެހި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޗާގޮސް މައްސަލައިގައި ރާއްޖެއިން އަމަލުކުރާ ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

މައްސަލަ ހުށަހަޅުއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖެއިން މޮރިޝަސް އަށް ތާއީދުކޮށްފިނަމަ ރާއްޖޭގެ ހާއްސަ ސަރަހައްދުން ބައެއް ގެއްލޭނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ. ކުއްލިއަކަށް ރާއްޖޭގެ ނިންމުން ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ބައެއް ގެއްލޭނެތީ އެކަމުގައި ރާއްޖެއަށް ހައްގުބަސް ބުނުމުގެ ދޮރުވެސް ބަންދުވާނެ ކަމުގައި ވިދާޅުވި އެވެ.

"ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ނިންމި މައްސަލައިގައި ގެއްލުން ލިބޭ އެއް ހަސްމަކީ ރާއްޖެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އިންޗިއެއް ގެއްލޭ ގޮތަށްވެސް ނިންމާ ނިންމުމެއް ބަލައިގަނެވެން ނޯންނާނެ ކަމަށެވެ.

އައްޑޫ ސިޓީގެ މަސްކަނޑުން އެންމެ އިންޗިއެއް ގެއްލިގެން ދިއުމަކީވެސް ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ރައްޔިތުން ސުވާލުކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މުޅި ރާއްޖެއާ ގުޅުން އޮތް މައްސަލައެއްގައި މަޖިލީހާ މަޝްވަރާ ނުކޮށް ސަރުކާރުން އަމިއްލައަށް ގޮތްތަކެއް ނިންމީތީ ހިތާމަކުރަން،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ޗާގޮޮސް އަކީ ދިވެހިންގެ ބައެއް ކަމަށާއި ކުރީ ޒަމާނުގައި ސަރުކާރު ހިންގަން ތިބި މީހުން ޗާގޮސް ދޫކޮށްލުމުން އެތަން އިނގިރޭސީންގެ އަތްދަށަށް ދިޔައީ ކަމަށެވެ. ޗާގޮސް އަކީ އިނގިރޭސިވިލާތް އަދި މޮރިޝަސްގެ ތަނެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ. މޮރިޝަސްގެ އަތުގައި ނެތް އެއްޗެއް ހޯދަން ދައުވާ ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަށަވަރު ދިވެހި ސަރުކާރުން އެއްބަސް ނުވާނެކަން، ނުވާކަން އަދި އޭގެ އިތުރަށް އެއްބަސްނުވެސް ވެވޭނެކަން ދިވެހިރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ދޫކޮށްލާކަށް. ދިވެހި ސަރުކާރަކަށް އެއްބަހެއް ނުވެވޭނެ. ދިވެހި ރައްޔިތުންނަށް އެކަނި އެކަން ކުރެވޭނީ" ޝަރީފު ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ ކުރިމަތިވެގެން މިއުޅެނީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"ސަރަހައްދެއް ވަކިކޮށްލުމުން ނުވަތަ ސަރަހައްދެއް އެހެން ގައުމެއްގެ އިގްތިސާދީ ސަރަހައްދަކާއި ބައިކޮށްލުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޒައްރެއްގެ މިންވަރުވެސް އުނިވެގެންދާނެ ކަމަށްވަންޏާ އެކަމުގެ ކަންބޮޑުވުން އެބައޮތް" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ބާރު ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވީ ނަމަވެސް ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކުރާ ކަމުގައިވެސް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅިއިރު ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތު ލިބިގެން ކަމަށް ބަޔާންކޮށްފައިވާ ކަންވެސް އާމިރު ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް ރައްޔިތުންގެ ރުހުމާއި ނުލައި ސަރަހައްދާއި ކުޅުމުގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް މި ގާނޫނު އަސާސީގެ ތިންވަނަ މާއްދާ ތަޅުލުމަކީ ކޮންމެހެން މުހިންމު ކަމެއް" އާމިރު ވިދާޅުވި އެވެ.

ދަނގެތި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ހުށަހެޅިފައިވާ ކުއްލި މައްސަލައަކީ ގައުމީ މައްސަލައެއް ކަމަށް ކޮންމެ ބޭފުޅަކު ވެސް ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރި ސިޔާސަތަކީ ދިވެހިރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ އެއްވެސް ތަނެއް އެއްވެސް ބަޔަކަށް ލިބިގެން ނުވާނެކަން. އެއީ އަޅުގަނޑުމެން ގަބޫލުކުރި ހަގީގަތް." ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތާރީހަށް ބަލާލި ނަމަވެސް ޗާގޮސް އަކީ ވަރަށް ގިނަ މަސައްކަތްތަކެއް ހިނގާފައިވާ ތަނެއްކަން އެނގޭ ކަމަށާއި ދިވެހި މަސްވެރިން އެ ސަރަހައްދަށް ދިޔަކަން ތާރީހީ ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދިވެހިންނަށް ދައުވާ ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޗާގޮސްގެ މައްސަލައިގައި ސަރުކާރުން ދޫދެނީ ކީއްވެގެންތޯ ސުވާލު އުފައްދަވަމުން ނާޒިމު ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އެންމެ ތަންފުކެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އައްޑޫ އިން ފެށިގެން 200 ނޯޓިކަލް މޭލުގެ ވާހަކަ މިދައްކަނީ. އަޅުގަނޑުމެން މިހާރު މި ދައްކާ ޗާގޮސްގެ މައްސަލައަށް ބަލާލާއިރު ފުށުއެރުންތަކެއް އެބަހުރި. އަޅުގަނޑުމެންނަށް ކްލެއިމްކުރެވޭނެ ގޮތްތަކެއް އެބަހުރި. އަޅުގަނޑުމެން މީގައި ދޫދީގެން ނުވާނެ. އަޅުގަނޑުމެން މީގައި ވަރަށް ވަރުގަދައަށް ހިފައި މިކަމުގައި ވަކާލާތު އަޅުގަނޑުމެން ކުރަންޖެހޭނެ" ނާޒިމް ވިދާޅުވި އެވެ.

ގޭގައި އޮތް ތަނެއް ދޫކޮށްލަންވީ ކީއްކުރަންތޯ ސުވާލުކުރައްވާ ނާޒިމް ވިދާޅުވީ ސަރަހައްދު ބަޔާންކުރެވޭ ގޮތާއި ދޫކޮށްލެވޭނެ ގޮތް ގާނޫނު އަސާސީގައި އެބަ އޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަނާޅާއި ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަފުޅަށް އެ ކަންކަން ނުނިންމެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތުން ވަކި ގައުމެއްގެ ރައީސަކަށް ސިޓީފުޅެއް ފޮނުވައިގެން ވަކި ގޮތަކަށް ކަންކަން ނިންމުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށާއި ރާއްޖޭގެ ސަރަހައްދު ދޫކޮށްލައިފިނަމަ ދަރިންގެ ދަރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގައިވެސް ނާޒިމު ވަނީ ވިދާޅުވެފަ އެވެ.