ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ދައުވާކޮށްފައި ވަނިކޮށް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން އެރުމަކީ ރާއްޖެއިން ސަރަހައްދެއް ދޫކޮށްލުމަށް އެއްބަސްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޗާގޮސް މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުރިއަށްދާ ބަހުސްގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ދައްކަވަމުން ގެންދެވި ވާހަކަ މެދު ކަނޑާލައި ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރަށް އެއްބަސްވެވުނީ ކަމަށެވެ.
"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެ އިޝާރާތްކުރެއްވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވެވި ސިޓީފުޅަށެވެ.
މިސިޓީފުޅުގައި ޗާގޮސްއަކީ އެތަނުގެ އަސްލު ވަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭނެ ތަނެއް ކަމަށް ރާއްޖެއިން ގަބޫލުކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ކޯފާ އިސްކުރައްވާ މެންބަރު ޝަރީފު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލަން ސަރުކާރުން ނޫޅޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނެތި އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ދިވެހިން ފާހަގަކުރާ ކަމަށާއި އެކަމުގެ ސަގާފީ އަދި ތާރީހީ ހެކި އެބަހުރި ކަމަށެވެ.
އިންޑިއާ ކަނޑުގައި އިނގިރޭސިންގެ މަސްލަހަތު ތަންފީޒުކުރަމުން އައީ ރާއްޖެ މެދުވެރިކޮށް ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ކަމެއްގައި ސަރުކާރަށް އެއްބަސްނުވެވޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.