މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި މުއްދަތު އިތުރުކުރީ ގާނޫނު ކަނޑައަޅާފައިވާ އަދަދަށް ބޭފުޅުން ކުރިމަތިލާފައި ނުވާތީ އެވެ.

މިފަހަރުގެ އިންތިހާބުގައި ހޮވާ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނަކީ މީޑިއާ ތަމްސީލް ކުރާ މެމްބަރުންނެވެ. ބާކީ ހަ މެންބަރުންނަކީ އާންމުން ތަމްސީލް ކުރާ މެންބަރުންނެވެ.

ކައުންސިލް މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ބޭފުޅަކަށް ވިދިވިދިގެން ދެ ދައުރު ކައުންސިލްގެ މެންބަރުކަން ނުކުރެވޭނެ އެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިއަހަރުގެ އޮގަސްޓް 22 ވަނަ ދުވަހު އެވެ. އެކަމަކު އިންތިހާބު ބޭއްވުމަށް އިތުރަށް ތައްޔާރުވާން ޖެހޭ ކަމަށް ބުނެ ހޯމް މިނިސްޓްރީން އޮގަސްޓް 25ގައި އެ އިއުލާނު ބާތިލުކުރި އެވެ.

އޭގެފަހުގައި ހޯމް މިނިސްޓްރީން ވަނީ އެމްއެމްސީއަށް މެންބަރުން ހޮވުމުގެ އުސޫލު އިސްލާހުކޮށްފަ އެވެ.