އެމްޑަބްލިއުއެސްސީ

ފެން ބިލުގެ ޖޫރިމަނާ މައާފުކުރުން ހުއްޓާލަނީ

ފެން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމްގެ މުއްދަތު އަންނަ މަހުގެ 31ގެ ނިޔަލަށް ހަމަވާނެކަން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަނދާންކޮށްދީފި އެވެ.

ފެން ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ ޕްރޮގްރާމަކީ ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ހިންގަމުން ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މި މުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން އެ ބިލެއްގެ ޖޫރިމަނާ ފައިސާ އެއްކޮށް މައާފުކުރެވިގެންދެ އެވެ. އަދި ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެއްކޭ ނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބިލަށް ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މައާފުކުރެވިގެންދެ އެވެ.

މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކުމުގެ ފުރުސަތު ވެސް މި ޕްރޮގްރާމުގެ ދަށުން ލިބެ އެވެ.

މި ފުރުސަތުގެ ބޭނުން ހިފައި މި އަހަރު ނިމުމުގެ ކުރިން ޖޫރިމަނާ ވިޔަ ނުދީ ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ސަމާލުކަން ދިނުމަށްވެސް އެމްޑަބްލިއުއެސްސީ އިން ވަނީ އެދިފަ އެވެ.