މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން ކާނުތައް ސާފުކުރަނީ

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ކުރަމުންދަނީ މާލެ ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން ގެންދަވަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ބައެއް އާންމުންނާ ވެސް ބައްދަލުކުރައްވާ މިކަމުގައި ހޯދޭނެ ހައްލުތައް ބައްލަވަމުންނެވެ.

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އެމްޑަބްލިއުއެސްސީ ގުޅިގެން ކުރެވިދާނެ ކަންކަމުގައި މި ދެ އިދާރާ އިން ގެންދަނީ މަޝްވަރާކޮށްގެން ހައްލުތަކަށް މަސައްކަތް ކުރަމުންނެވެ.

ކާނުތައް ސާފުކުރުމުގެ މަސައްކަތުގައި މިވަގުތު އިސްކަންދެނީ ވެސްޓް ޕާކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަަހައްދާއި ކަސްޓަމްސް ސަރަހައްދުގެ އިތުރުން މަޖީދީ މަގުގެ އެކި ހިސާބުތަކުގައި ހުރި ކާނުތައް ސާފުކުރުމަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކާނުތައް ސާފުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތާ އެކު ވެސް ފެން ބޮޑުވުމުގެ މައްސަލައަށް ކޮންމެވެސް ލުއިތަކެއް ލިބޭނެ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ އަކީ ހައްލު ނުވެ އެތައް އަހަރެއްވީ އަދި އެތައް ބަޔަކަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލަ އެވެ.