މާލޭގެ މަގުތަކުގައި ފެން ބޮޑުވަނީ ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕްތަކުގެ ކެޕޭސިޓީ ދަށްވުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިހެން ބުނެފައި މިވަނީ މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ސްޓޯމް ވޯޓާ ޕަމްޕްތައް ރަނގަޅަށް ނުބެލެހެއްޓޭނަމަ އެ ޕަމްޕްތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައި ވަނިކޮށެވެ.
ފަންނީ ބޭފުޅުންނާ ހަވާލާދެއްވާ މުއިއްޒު ވިދާޅުވީ ފެން ކުންފުނިން ޕަމްޕްތައް ބަލަހައްޓާ ގޮތުން އެ ޕަމްޕްތަކުގެ ކެޕޭސިޓީއާ އެއްވަރަށް ފެން ހިންދުމުގެ މަސައްކަތް ޕަމްޕްތަކުން ނުކުރެވޭ ކަމަށެވެ.
މުއިއްޒުގެ ތުހުމަތާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްޓޯމް ވޯޓާ ޕަމްޕްތައް ގަވައިދުން ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. އަދި މަރާމާތު ކުރަންޖެހޭ ޕަމްޕެއް ފާހަގަވާނަމަ އެކަމެއް ވެސް އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ކަމަށެވެ.
"އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނު ގަޑީގައި ވެސް އަޅުގަނޑުމެންގެ މުވައްޒަފުން އެކި ސަރަހައްދުތަކަށް ނިކުމެ ޕަމްޕްތަކުގެ މަސައްކަތް ވަރަށް ގާތުން ބަލަމުން ދިޔައީ. އެހެންވީމާ ޕަމްޕްތައް ނުބަލަހައްޓާ ކަމަށް އެ ބުނާ ވާހަކަތަކަކީ ހަގީގަތާ އެއްގޮތަށް ދެއްކޭ ވާހަކައެއް ނޫން،" ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި އިއްޔެ ފެން ބޮޑުވެ ފެން ހިދެން ގިނަ ވަގުތު ހޭދަވެފައިވަނީ އިމާރާތްތަކުގެ ފުރާޅުތަކުން މަގުމައްޗަށް އެޅުނު ފެނާއި މާލޭގެ ބޮޑުތަކުރުފާނު މަގުން އަންނަ ފެން އަމީނީ މަގަށް އެޅި، ސްޓޯމް ވޯޓާ ޕަމްޕްތަކުން އެއް ފަހަރާ ގިނަ ފެން ހިންދަންޖެހުމުން ކަމަށެވެ.
"މިހާރު މަގުތަކުގައި ބަހައްޓާފައި މިހުރީ 9ކިލޯވޮޓް ޕާ އަވާ ޕަމްޕްތަކެއް. އެއީ އިއްޔެ ވެހުނު ވާރެއަށް ބަލާއިރު ޕަމްޕްތަކަށް ބޮޑު އަދަދެއް. އަނެއްކާ ބޮޑުތަކުރުފާނު މަގު ހެދިއިރު އެމަގު މިއޮންނަނީ ތަންކޮޅެއް އުސްކޮށް ހަދާފައި ކަަމަށްވާތީ އެ ދިމާލުން އަމީނީ މަގަށް ހުރިހާ ފެނެއް އައިސް މިއެޅެނީ. އަނެއްކާ ފުރާޅުތަކުން މި ފައިބާ ފެން ނަރުދަމާގެ ތެރެއަށް ފޮނުވުން މަނާވީމާ އެ ހުރިހާ ފެނެއްހެން މި އަންނަނީ ސްޓޯމް ވޯޓާ ޕަމްޕްތަކަށް. ދެން އޮތް ގޮތަކީ ޕަމްޕްތަކުގެ ކެޕޭސިޓީ 13 ކިލޯޯވޮޓް ޕާ އަވާ އަށް ބޮޑުކުރުން. އެކަން އަޅުގަނޑުމެން ކުރާނަން،" ޕަމްޕްތަކަށް ދިމާވާ މައްސަލަ ހިއްސާކުރައްވަމުން ޝާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓޯމް ވޯޓާ ޕަމްޕްތަކުގެ މައްސަލައަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ހޯދިދާނެ ކަމަށެވެ. މާލޭގައި އިއްޔެ ފެން ބޮޑުވުމާ ގުޅިގެން، މަސައްކަތް ނިމި އެކަމަކު އެ ކުންފުންޏާ މުޅިން ހަވާލުނުކޮށް ހުރި ސްޓޯމް ވޯޓާ ޕަމްޕެއް ވެސް އިއްޔެ ފެން ހިންދަން ބޭނުންކުރި ކަމަށްވެސް ވިދާޅުވި އެވެ. އެ ޕަމްޕް ބަހައްޓާފައިވަނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންއާއި އެމްއެންޔޫގެ އަމީނީ ބިލްޑިންއާ ދެމެދަށްވާ ގޮތަށެވެ.
ޝާހް އިތުރަށް ވިދާޅުވީ މާލޭގައި މީގެ އަހަރުތަކެއް ކުރިން ނަރުދަމާ އަޅާފައިވަނީ 50،000 މީހުންގެ އާބާދީ އަކަށް ކަމަށްވެފައި އެ އަދަދު ދެލައްކައިން މައްޗަށް ގޮސްފައިވާތީ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްވެސް ވަރަށް ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
"މުއިއްޒު މިއަދު ހެނދުނު އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ރައްޔިތުންނަށް ތަކްލީފް ނުޖައްސާ މައްސަލަ ހައްލުކޮށްދިނުމަށް. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހަތް އަހަރު ހުންނަވައިގެން ހައްލު ނުކުރެވުނު މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން،" ޝާހް ވިދާޅުވި އެވެ.