ޓޫރިޒަމް

ފަތުރުވެރިކަމުގެ އޮކިއުޕަންސީ 58 އިންސައްތައިގައި

ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެވަރެޖްކޮށް ހުރީ 58.8 އިންސައްތައިގައި ކަމަށް މަރުކަޒީ ބޭންކް – މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި އެމްއެމްއޭގެ ތަފާސްހިސާބުތައް ހިމެނޭ އެމްއެމްއޭގެ އޮކްޓޫބަރު މަހުގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕަންސީ ހުރީ 52.2 އިންސައްތައިގަ އެވެ.

ފަތުރުވެރިކަމުގެ އޮކިއުޕަންސީ އެންމެ މަތީގައި ހުރީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ހުރީ 72.7 އިންސައްތައިގަ އެވެ. ޖެނުއަރީ މަހު އޮކިއުޕަންސީ ހުރީ 70.1 އިންސައްތައިގަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްގެ އަދަދުވެސް މިހާރު ދަނީ އިތުރުވަމުން ނެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު ވަނީ 11،070 އަށް އަރާފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 8.698 ފްލައިޓެވެ.

ޓޫރިރަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.35 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެ އަދަދަކީ 2021 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންނަށްވުރެ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިން ނެވެ. އެގައުމުން 191،524 ފަތުރުވެރިން މިއަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާ އިން ނެވެ. އެގައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 166،250 އަށް އަރާފަ އެވެ.