މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން ކޮންމެ މަހަކު އެއްފަހަރު ނެރޭ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ފަތުރުވެރިކަމުގެ އޮކިއުޕަންސީ ރޭޓް ހުރީ 72.7 ޕަސަންޓް ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ 69.5 ޕަސަންޓް ގައެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި އަދި ސަފާރީތަކުގައެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ހޮޓެލްތައް ފިޔަވައި އެހެން ހުރިހައި ތަނެއްގެވެސް އޮކިއުޕަންސީ ރޭޓް ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 82.2 ޕަސަންޓް ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 80.8 ޕަސަންޓް ގައެވެ. ގެސްޓްހައުސްތަކުގެ މިއަހަރުގެ އޮކިއުޕަންސީ ރޭޓް ހުރީ 56.6 ޕަސަންޓް ގައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މި އަދަދު ހުރީ 48.2 ޕަސަންޓް ގައެވެ.
ހޮޓާތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އޮކިއުޕަންސީ ރޭޓަކީ 30.5 ޕަސަންޓެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 39.7 ޕަސަންޓް ގައެވެ. ސަފާރީތަކަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގެ އޮކިއުޕަންސީ އަކީ 38.3 ޕަސަންޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 33.9 ޕަސަންޓްގައި ކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުން ދައްކަ އެވެ.
މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް އިތުރުވެފައިވުމުގެ ސަބަބުން ބެޑް ނައިޓްވެސް ވަނީ އިތުރުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް 907،066 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 ޕަސަންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 102،706 ފަތުރުވެރިން ވަނީ އައިސްފަ އެވެ.