ޓޫރިޒަމް

ޓޫރިޒަމް އޮކިއުޕެންސީ 69 ޕަސެންޓްގައި

ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ -- ޓޫރިޒަމް ފެސިލިޓީތަކުގެ އެނދުތައް ފުރިފައިވާ އަދަދު މިދިޔަ މާޗް މަހުގެ ނިޔަލަށް ހުރީ 69.1 ޕަސެންޓްގައި ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަދަދު މި އަހަރުގެ ފެބްރުއަރީ މަހު ހުރީ 83.7 ޕަސެންޓްގަ އެވެ.

ރާއްޖޭގައި މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ހިންގަމުން ދިޔައީ 175 ރިސޯޓާއި 843 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދުގެ އިތުރުން 15 ހޮޓަލެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 61،952 އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓްތަކުގެ އޮކިއުޕެންސީ މި އަހަރުގެ ފެބްރުއަރީ މަހު 92.7 ޕަސަންޓްގައި ހުރި ނަމަވެސް މި އަދަދު މާޗް މަހު ހުރީ 76.2 ޕަސެންޓްގަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ މި އަހަރުގެ ފެބްރުއަރީ މަހު 71.4 ޕަސެންޓްގައި ހުރި ނަމަވެސް މާޗް މަހު މި އަދަދު ހުރީ 58.4 ޕަސަންޓްގަ އެވެ.

މީގެ އިތުރުން ހޮޓާތަކުގެ އޮކިއުޕެންސީވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެ ގޮތުން ފެބްރުއަރީ މަހު 39.1 ޕަސެންޓްގައި ހުރި އޮކިއުޕެންސީ މާޗް މަހު ހުރީ 28.7 ޕަސެންޓްގަ އެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ހޮޓާތަކުގެ އޮކިއުޕެންސީ ދަށަށް ދިޔަ ނަމަވެސް ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ އިތުރުވެފަ އެވެ.

ސަފާރީތަކުގެ އޮކިއުޕެންސީ މާޗް މަހު ހުރީ 43.2 ޕަސެންޓްގަ އެވެ. މި އަދަދު ފެބްރުއަރީ މަހު ހުރީ 39.9 ޕަސެންޓްގަ އެވެ.

ޓޫރިސްޓް ފެސިލިޓީތަކުގެ އޮކިއުޕެންސީ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހު ދަށަށް ގޮސްފައިވާއިރު މާޗް މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ފެބްރުއަރީ މަހާ އަޅާބަލާއިރު މަދުވެފަ އެވެ. އެ ގޮތުން ރާއްޖެއަށް މިއަހަރުގެ ފެބްރުއަރީ މަހު 217،392 ފަތުރުވެރިން ޒިޔާރަތްކުރިއިރު މާޗް މަހު ރާއްޖެ އައީ 194،227 ފަތުރުވެރިންނެވެ.