ޓޫރިޒަމް

ރިސޯޓްތަކުގެ އޮކިއުޕެންސީ އޮކްޓޫބަރު މަހު އިތުރުވެއްޖެ

ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 51 ޕަސަންޓްގަ އެވެ. މި އަދަދު މިއަހަރުގެ އޮކްޓޫބަރު މަހު ހުރީ 61.5 ޕަސަންޓްގަ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މި އަދަދު ހުރީ ދަށުގަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި އަދަދު ހުރީ 72.2 ޕަސަންޓްގަ އެވެ.

ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ހޮޓާ އަދި ސަފާރީ އުޅަނދުފަހަރުގެ އޮކިއުޕެންސީ ރޭޓްވެސް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު އިތުރުވެފަ އެވެ.

ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު 37.6 ޕަސަންޓްގައި ހުރިއިރު އޮކްޓޫބަރު މަހު މި އަދަދު ވަނީ 39.2 ޕަސަންޓް އިތުރުވެފަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް 30 ޕަސެންޓްގައި ހުރި ނަމަވެސް އޮކްޓޫބަރު މަހު ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ 34.3 ޕަސަންޓަށް އިތުރުވެފަ އެވެ.

މީގެ އިތުރުން ސަފާރީތަކުގެ އޮކިއުޕެންސީ ރޭޓް އޮކްޓޫބަރު މަހު ހުރީ 23.6 ޕަސަންޓްގަ އެވެ. މި އަދަދު ސެޕްޓެމްބަރު މަހު ހުރީ 19.8 ޕަސަންޓްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު މަހު ރާއްޖެއަށް 159،141 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.