އެޗްޑީސީ

އެސްޖެހިގެ ބަހައްޓާ ސަރަހައްދު ތަރައްގީކުރަން ބަޔަކު ހޯދަނީ

Nov 6, 2022

މާލޭގައި ހުރި އެސްޖެހިގެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފަރުކޮޅުފުށި އޮތް ސަރަހައްދުގައި ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެސްޖެހިގެ ބަހައްޓާ ސަރަހައްދު ތަރައްގީކޮށް އެ ސަރަހައްދުގައި ރެސްޓޯރަންޓެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އާއޯއައި) ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ދިވެހިންގެ މަސައްކަތްތެރިކަން ވަރަށް ބޮޑަށް ފެނިގެންދާ އެސްޖެހިގެ ނުވަތަ އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު އެތަނުގެ ވެރިފަރާތުން ވިއްކާލުމުން އެޗްޑީސީން ވަނީ އެ އޮނިގަނޑު ގަނެފަ އެވެ.

މާލޭގެ މެދުޒިޔާރާތް މަގުގައި ހުރި އެސްޖެހިގެ އެޗްޑީސީން ރާވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ "ހެރިޓޭޖް ޑިސްޓްރިކްޓް"ގައި ހިމެނޭ ބައެއްގެ ގޮތުގަ އެވެ.

އެޗްޑީސީން ބުނީ މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް އިމާރާތް ކަމުގައިވާ އެސްޖެހި ގަނޑުވަރު ރައްކާތެރިކޮށް ހުޅުމާލޭގައި ބެހެއްޓުމުގެ މަސައްކަތް ކުރަނީ އެކަމުގެ ފަންނުވެރިން ކަމަށެވެ.

އެޗްޑީސީން ވަނީ އެސްޖެހި ގަނޑުވަރު ރާވަމުންދާ ގޮތް ދައްކުވައިދޭ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.

ތާރީހީ ލިޔުންތެރިޔާ އަހުމަދު ޝަފީގުގެ ލިޔުއްވުމެއްގައިވާ ގޮތުގައި މާފަތް ކަލޭގެފާނަށް ނިސްބަތްވާ އެސްޖެހި ގަނޑުވަރު ބިނާކުރީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.

އެސްޖެހި ގަނޑުވަރު ހަދާފައިވަނީ ރާއްޖެއަށް އުރުނު ނައުފަހަރުގެ ލަކުނޑިއާއި އެ އިމާރާތަށް ހާއްސަކޮށްގެން ރާއްޖޭން ބޭރުން ގެނައި ލަކުނޑިން ކަމަށްވެސް ތާރީހީ ބައެއް ލިޔުންތަކުގައިވެ އެވެ.