ޖޭއެސްސީ

ދައުވާކުރި ފަރާތަށް ނަހަމަ ފައިދާ ހޯދައިދިން ގާޒީއަށް ފިޔަވަޅު އަޅައިފި

ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކުގެ މައްޗަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަހްމަދުގެ މައްޗަށް ކޮށްފައިވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި އޭނާ ހުންނެވި ދުވަސްވަރު އެ ކޯޓުގައި ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ މައްސަލައެއްގައި ހުކުމު ކުރުމުގައި ދައުވާ ކުރި ފަރާތަށް ނަހަމަ ފައިދާ ލިބޭ ގޮތަށް ހުކުމު ކުރިކަމުގެ ތުހުމަތެވެ.

މި މައްސަލައާއި ގުޅިގެން ޖޭއެސްސްސީ އިން ކުރި ތަހުގީގަށްފަހު މިކަން ސާބިތުވެފައިވާތީ އަހްމަދަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމުގައި އެ ކޮމިޝަނުން ބުނެ އެވެ.

މިގޮތުން މި މައްސަލައިގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި، ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލްވެފައި ވަނިކޮށް ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވާ ކަމަށް ޖޭއެސްސީއިން ބުނެ އެވެ.

ޖޭއެސްސީ އިން ބުނި ގޮތުގައި މި މައްސަލަ ނިންމައި ހުކުމް ކޮށްފައިވަނީ ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ބުނެ، ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އެވެ. އަދި މިމައްސަލައިގައި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނިކުމެފައިވާ ނަތީޖާތަކަށާއި އަދި ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރެއް ހައިކޯޓުން ބާތިލްކޮށްފައި ވަނިކޮށް މައްސަލަ ނިންމާފައިވަނީ އެކަން ކަމަށްވެސް ރިއާޔަތްކުރުމެއް ނެތި ކަމަށް ކޮމިޝަނުން ބުނެ އެވެ.

އަހްމަދު ހަސަން މިފަދަ ގޮތަކަށް ހުކުމް ކުރުމުގެ ސަބަބުން ޝަރުއީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާ ކަމަށް ސާބިތުވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެހެންވެ އިސްމެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އޭނާ އަށް ވަނީ އަންގާފަ އެވެ.