މިނިސްޓްރީ އޮފް ހެލްތު

ކޮންމެ އަހަރަކު 15 މިލިއަން ކުދިން ދުވަސްނުފުރާ އުފަންވޭ

ދުވަސް ނުފުރާ ވިހާ ކުދިންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަ ކުރާ "ވޯލްޑް ޕްރިމެޗިއުރިޓީ ޑޭ"އާ ގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ޅަފަތުގައި ކުދިން މަރުވުމާއި، ނުރައްކަލަށް ހުށަހެޅުމަށް ދިމާވާ އެންމެ މައިގަނޑު އެއް ސަބަބަކީ ދުވަސް ނުފުރާ އުފަންވުންކަން ވަނީ ފާހަގަކޮށްފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 15 މިލިައަން ކުދިން ދުވަސްނުފުރާ އުފަންވެ އެވެ. އެހެންކަމުން ދުނިޔެއަށް އުފަންވާ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ ދުވަސްނުފުރާ އުފަންވާ ކުއްޖެކެވެ.

ދުވަސް ނުފުރާ އުފަންވުމުން ތައްތު ދަރިފުޅުގެ ދުޅަހެޔޮ ކަމަށް އަސަރު ކުރުވުމުގެ އިތުރުން ފުރާނައަށް ގެއްލުންވާ ނުރައްކާތަކާވެސް ކުރިމަތިލާން ޖެހެ އެވެ.

ދުވަސް ނުފުރާ އުފަންވުމުން ކުރިމަތިވެދާނެ ނުރައްކާތައް:

  • ސެރެބްރަލް ޕަލްސީ
  • ލޮލުގެ މައްސަލަތައް
  • އަޑުއިވުމުގެ މައްސަލަތައް
  • އަތްފައިގެ ހަރަކާތްތައް ބޭނުންކުރަންޖެހޭ ހުނަރުތައް ދައްވުން
  • ނޭވާ ހިއްލުން
  • އުނގެނުމުގެ މައްސަލަތައް

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުވަސްނުފުރާ އުފަންވުމުގެ ސަބަބުން ތުއްތު ކުއްޖާއަށް ލިބޭ ގެއްލުންތައް ކުޑަކުރުން ފެށިގެން އަންނަނީ މާބަނޑު ދުވަސްވަރުގެ ދުޅަހެޔޮކަމުން ކަމަށެވެ. އެހެންކަމުން ދަރިޔަކު ހޯދަން ކަނޑައަޅާ ހިސާބުން ފެށިގެން މިކަމަށް ސަމާލުކަން ދިނުމާއެކު މާބަޑުވުމުން ގަވާއިދުން ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ. ސިއްހަތައް ފައިދާހުރި މިންހެޔޮ ކާނާ ކެއުމާއި ގަވައިދުން ކަސަރަތުކޮށް ދުޅަހެޔޮ އާދަތައް ގެންގުޅުންވެސް ވަރަށް މުހިއްމު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.