އުފަންވީއިރު ވެސް އެއް ފަޔާއި އެއް އަތް ނެތް މީހަކަށް ފެޝަން ދުނިޔަށް އިންގިލާބެއް ގެނެވިދާނެ ކަމަށް ގަބޫލުކުރާނީ މަދު ބައެކެވެ. އަތާއި ފައި ނެތުމުގެ އިތުރުން 25 އަހަރުގެ ޖެސިކާ ޕިންގް-ވިލްޑް އުފަންވީއިރުވެސް ޗައިލްޑް ސިންޑްރޯމް ކިޔާ ބައްޔެއް ވެސް ހުއްޓެވެ. މިއީ ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ގުނަވަންތައް އެކަށީގެންވާ ގޮތަކަށް ހެދިބޮޑުވަމުންނެއް ނުދާނެ އެވެ.
މި ބަލި ޖެހިފައިވާ ކަމަށް މިހާތަނަށް ދުނިޔޭގެ ރެކޯޑްތަކުން ދައްކަނީ އެންމެ 60 މީހެކެވެ. މިހާ މަދުން ފެންނަ މި ބަލި ޖެހިފައިވާ ޖެސިކާގެ ގުނަވަންތައް ހެދިބޮޑުވުމަށް މައްސަލަތައް ދިމާވުމުގެ އިތުރުން އޭނާގެ ގައިގެ ހަންގަނޑަށް ވެސް އަބަދު މައްސަލަތައް ދިމާވެ އެވެ.
ޖެނިފާގެ ބަލީގެ ގޮތުން އޭނާގެ ވާއަތް އުފެދިފައިވަނީ މާ ކުރުކޮށެވެ. އަދި އެއްފައި ނެތުމުން އޭނާ ހިނގާ އުޅެނީ މަސްނޫއީ ފައެއް ޖަހައިގެންނެވެ. ނަމަވެސް އެ މަސްނޫއީ ފަޔާއި ނުލައި ވެސް އޭނާއަށް ދިރިއުޅުން ދައްޗެއް ނޫނެވެ.
އެއް އަތާއި އެއް ފައިނެތުމުން އޭނާ އަކީ މެޑިކަލް ރޮނގުން ބަލާއިރު "ނުކުޅެދޭ" ކުއްޖެއްގެ ގޮތުގައި ކުޑައިރު އެންމެން ވެސް ބެލި އެވެ. އަދި ކުޑައިރު އާއި ފުރާވަރު އުމުރުގައި އެހެން މީހުން އޭނާއާ މެދު ދެކޭ ގޮތުންނާއި ކަން ކުރާ ގޮތުން އޭނާއަކީ އެހެން މީހުންނާ މުޅިން ތަފާތު މީހެއްގެ ގޮތުގައި އެކަހެރިކޮށްލާފައިވާ ކަމުގެ އިހްސާސް ޖެސިކާ އަށް ކުރެވެ އެވެ.
ނަމަވެސް ތިމާގެ ގައިގައި ހުރި ބައްޔަކީ އަދި ހަށިގަނޑުގައި ހުރި އުނި ކަންތައްތަކަކީ ގޮންޖެހުމެއް ކަމަށް ދެކި އެ ގޮންޖެހުންތަކުން އަރައިގަންނަން ހިތްވަރާއެކު މަސައްކަތްކޮށް ޖެސިކާ ވަނީ މިކަމުގައި ކާމިޔާބު ހޯދާފަ އެވެ. އަދި މޮޑެލިންގެ ދުނިޔެއަށް އޭނާ ވަނީ ވަރުގަދަ ތޫފާނެއް ގެނެއްސަ އެވެ. މަޝްހޫރު ވޯގް މަޖައްލާގައި ޖެސިކާގެ ފޮޓޯތައް ވެސް ޖަހާފައި ވެއެވެ. އަދި ލަންޑަން ފެޝަން ވީކްގައި އޭނާގެ ކެޓްވޯކް ފެނިފައި ވެއެވެ.
ޖެސިކާއަށް މިހާތަނަށް އާދެވުނީ އަމިއްލައަށް ކުރި ގިނަ ގުނަ މަސައްކަތުންނެވެ. އޭނާއަކީ އެހެން މީހުންނާ ތަފާތު މީހެއް ނޫންކަން ދުނިޔެއަށް ހާމަކުރުމުގެ މަސައްކަތް ޖެސިކާ ފެށީ 2019 ގައެވެ. ފުރަތަމަ އޭނާ ތެރަޕީ ނަގައިގެން އަމިއްލަ ވިސްނުން ރަނގަޅު ކުރީ އެވެ. އަދި އޭނާގެ ތަޖުރިބާތައް ބްލޮގެއްގައި ލިޔެ ދުނިޔެއާ ހިއްސާ ކުރަން ފެށީ އެވެ.
ފެބްރުއަރީ 2022ގައި އޭނާއަށް ފުރަތަމަ ފަހަރަށް ފެޝަން ޝޯއެއްގެ ރޭމްޕްގައި ހިނގާލުމުގެ ފުރުސަތު ލިބުނެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2022ގައި އޭނާވަނީ ޑިޒައިނާ ސާރާ ރެގެންސްބާގާގެ ހެދުންތައް ދައްކާލަން ލަންޑަން ފެޝަން ވީކްގެ ރޭމްޕްގައި ހިނގާފަ އެވެ. އަދި ވޯގް، ބިލްބޯޑު، ޔޫއެސްއޭ ޓުޑޭ ފަދަ މަޖައްލާތަކުގެ ކަވަރު ޕޭޖަށް ޖެސިކާ އަރާފައި ވެއެވެ.
މިހާރު ޖެސިކާ އަޒުމު ކަނޑައަޅައިގެން ހުރީ އޭނާ ކަހަލަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ތަމްސީލުކުރާ މީހެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ. މީޑީއާތަކުންނާއި އާއްމުން މިފަދަ މީހުންނާ މެދު "ނުކުޅެދޭ މީހުން"ގެ ނަޒަރުން ނުދެކޭނެ ގޮތެއް ހޯދަން މަސައްކަތް ކުރުމެވެ.
"އަހަރެންގެ އުންމީދުތައް ބައެއް ފަހަރަށް ވަރަށް އުހަށް އަރައިގެން ދޭ. އަނެއްބައި ފަހަރު ބިމާހަމަޔަށް ތިރިވޭ،" ޖެސިކާ ބުންޏެވެ.
ޖެސިކާ ކިޔައިދިން ގޮތުގައި ކުޑައިރު އޭނާއަކީ ނުކުޅެދޭ ކުއްޖެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާއަށް ކުރެވުނު ކަމެއް ކޮށްގެން ދިރިއުޅެމުން ގެންދިޔައީ އެވެ. ނަމަވެސް ބޮޑުވަމުން ދިޔަ ވަރަކަށް އެހެން މީހުން އޭނާއާ ދޭތެރޭ ކަންތައް ކުރާގޮތް ތަފާތުކަން އެނގުނީމަ އަމިއްލައަށް ވެސް އޭނާއަކީ ތަފާތު މީހެއްކަން ގަބޫލުކުރެވެން ފެށީ ކަމަށް ޖެސިކާ ބުންޏެވެ.
"މުޅި ދުނިޔޭގެ އެންމެންނާ އަހަންނާ ވަރަށް ތަފާތު ކަމަށް ދެން އިހްސާސް ކުރެވެން ފެށި. އަދި އާއިލާ އަށާއި އެކުވެރިންނަށް އަދި ކްލާސް ކުދިންނަށް ވެސް އަހަންނާ ހެދި ބޮޑު ބުރައަކަށޭ ވާނީ ހީކުރެވެން ފެށި،" ޖެސިކާ ކިޔައިދިނެވެ.
ޖެސިކާ ބުނި ގޮތުގައި އޭނާއާ މެދު ގިނަ މީހުން ގެންގުޅުނު ތަފާތުކުރުންތައް ބޮޑުކަމުން އޭނާގެ ހަޔާތަކީ ހަގީގަތެއް ނޫނޭ ހިތަށް އެރި އިރުވެސް ދިޔަ އެވެ. އަދި އެކަމުގެ އުނދަގޫތައް ނަފްސާނީ ގޮތުން އޭނާއަށް ކުރި އެވެ.
"ނަފްސާނީ ގޮތުން އުނދަގޫވާލެއް ބޮޑުވެގެން ގޮސް އެންމެ ފަހުން 2019ގައި ތެރަޕީ ސެޝަންތަކެއް ނެގީ. ތެރަޕީ ނަގަން ފެށުމުން އަހަންނަކީ ވެސް އެހެން މީހުން ކަހަލަ އިންސާނެއް ކަމާއި އެމީހުން އުޅޭ ގޮތަށް ދިރިއުޅުމުގެ ހައްގު އަހަންނަށް ވެސް އޮތްކަން ގަބޫލު ކުރެވުނު،" ޖެސިކާ ބުންޏެވެ.
މިހާރު ޖެސިކާ ދިރިއުޅެނީ ލަންޑަންގަ އެވެ. މޮޑެލިން އިންޑަސްޓްރީން އޭނާއަށް ގިނަ ގުނަ މަސައްކަތްތައް ލިބެ އެވެ. އޭނާގެ މިހާރު ހާލަތު ޖެސިކާ ސިފަ ކުރަނީ "ފެއަރީ ޓޭލް ޑްރީމް"އެއްގެ ގޮތުގަ އެވެ.
"އެކަންކަމާ ވިސްނާލިޔަސް އަހަރެންނަށް ވަރަށް އަސަރުކުރޭ. އަހަރެންނަށް މިހާރު މި އުޅެވެނީ ހަމަ ހުވަފެނީ ދިރިއުޅުމެއް. މި ދިރިއުޅުމުން ހިތްވަރު ހޯދައިގެން އަހަރެން ބޭނުންވަނީ އަހަރެން ކަހަލަ އެހެން މީހުން ވެސް ހިތްވަރު އެލުވާނުލާ ތެދުވަން،" ޖެސިކާ ބުންޏެވެ.